Roadha Mihaaru

ނާޒިމްގެ ޔަގީންކަން: ނަތީޖާ ނެރޭ، ނަމޫނާ މަޖިލީހަކަށް ވާނެ

25 މެއި 2024

ސިޔާސީ މަސައްކަތްތަކާ އެތައް އަހަރަކު ދުރުގައި ހުންނެވުމަށް ފަހު، އެނބުރި މަސައްކަތަށް ވަޑައިގެންނެވި ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމްގެ ކުރިމަތީގައި އޮތީ މުޅިން އާ ޗެެލެންޖެކެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިޔާސީ މަސައްކަތްތަކާ އެތައް އަހަރަކު ދުރުގައި ހުންނެވުމަށް ފަހު، އެނބުރި މަސައްކަތަށް ވަޑައިގެންނެވި ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމްގެ ކުރިމަތީގައި އޮތީ މުޅިން އާ ޗެެލެންޖެކެވެ.

އެކަމަކު، މަޖިލީހުގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި އިތުބާރާއި އޭނާގެ ސިޔާސީ ތަޖުރިބާއިން މި މަސައްކަތް އެންމެ ފުރިހަމައަށް ކޮށްދެއްވޭނެ ކަމުގެ ޔަގީންކަން ނާޒިމަށް އެބައޮތެވެ.

"މައްސަލަތައް ހައްލުކޮށް ރާއްޖެ މިހާރަށް ވުރެ ހަމަޖެހޭ އިގްތިސޯދީ ހަމަޖެހޭ ވެއްޓަކަށް ގެންދިއުން އަޅުގަނޑުގެ ވެސް ބޭނުމަކީ. އެ މަސައްކަތްތައް އަޅުގަނޑު އިހުލާސްތެރިކަމާއެކު ކޮށްދޭނެ ކަން ރައީސަށް ދެންނެވިން. އަޅުގަނޑު ހުރިހާ ކަމެއް ހުސްވެ އަތުކުރި އޮޅާލައިގެން މިކަމަށް ހުސްވެ ހުންނަވާނެ ވާހަކަ އަޅުގަނޑު ދެންނެވިން،" ނާޒިމް ވިދާޅުވި އެވެ.

"ރައީސް ކުރެއްވި އިތުބާރު އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމައަށް އަދާކުރާނަން."

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ދައުރަކީ ނާޒިމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ތިން ވަނަ ދައުރެވެ. އޭނާ ވަނީ ދިއްގަރު ދާއިރާގެ ގޮނޑި 17 ވަނަ މަޖިލީހުގައި ވެސް ފުރުއްވައިފަ އެވެ. ޖެހިގެން އައި ދައުރުގައި ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ދެވަނަ ދައުރު ކާމިޔާބު ކުރެއްވި ނަމަވެސް މެމްބަރުކަން ގެއްލުނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަން މީގެ ކުރިން ވެސް ކުރައްވާފައިވާ ނާޒިމް ވަނީ މާލިއްުޔަތު ކޮމިޓީގެ މުގައްރިރު ކަން ވެސް ހަ އަހަރު ދުވަހު ކުރައްވައިފަ އެވެ.

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގެންނެވީ ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގެންނެވީ ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގައުމު މިއަދު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިއުމަށް، ރައީސް މުއިއްޒުގެ މަޝްވަރާއާއި ލަފަޔާއި އިރުޝާދުގެ އަލީގައި އޭނާގެ ތަޖުރިބާއިން މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ނާޒިމް ގަބޫލުކުރައްވަ އެވެ.

މަގާމު މުހިންމެއް ނޫން، އެދެނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން!

ޕީއެންސީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކާ މެދު ދިޔައީ އެތައް ގޮތަކުން ބަހުސް ކުރަމުންނެވެ. މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނުނު އެއް ނަމަކީ ނާޒިމްގެ ނަމެވެ.

އެ ބަހުސަށް ނިމުން ގެނެސް، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވަނީ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ނާޒިމް ގެންނަވަން ނިންމަވައިފަ އެވެ.

ނާޒިމް ގަބޫލުކުރައްވާ ގޮތުގައި ބަދަހިކޮށް އޮތް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މެދުގައި އިތުރު ފިތުނައެއް އުފެދިދާނެ ކަމުގެ ބިރަށް ރައީސް ނިންމެވި މި ނިންމުމެވުމަކީ އެންމެ ރަނގަޅު ނިންމުމެވެ.

އޭނާ މީގެ ކުރިން ނައިބު ރައީސް ކަން ކުރައްވާފައިވާތީ، ދެން ކުރަން ޖެހޭނީ ރައީސް ކަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރިނަމަވެސް، ނާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް އަދާކުރައްވާ ވަކި މަގާމެއް މުހިންމެއް ނޫނެވެ.

"މައިގަނޑު ބޭނުމަކީ ގައުމަށް ހިދުމަތް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމަށް ހިދުމަތް ކުރުމަކީ ވަކި މަގާމަކުން ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ އަޅުގަނޑު ހަމަ އާދައިގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް މިއައީ. އަޅުގަނޑު ނިންމާފައި ދިޔަ ހިސާބުން މަސައްކަތް ކުރިއަށް ގެންގޮސްދޭން ވެގެން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވާފައި -- ފޮޓޯ: މަޖިލިސް/ ފައިލް

ނާޒިމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވާފައި -- ފޮޓޯ: މަޖިލިސް/ ފައިލް

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މީގެ 15 އަހަރު ކުރިން އާދައިގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އޭނާ މަޖިލީހަށް ވެއްދި ސިވިލް ސާވިސް މުވައްޒަފުންގެ ބިލެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް މިއަދު ރިޓަޔާ ވެވޭ ގޮތަށް ގާނޫނު ބަދަލު ވެގެން އައީ އެ ބިލުގެ ސަބަބުންނެވެ.

ނާޒިމް ވިދާޅުވީ، މިއަދު ވެސް ބަލާލި ކޮންމެ ދިމާލަކުން އޮތީ ހުރިހާ ދާއިރާއަކުން ވެސް ގައުމު އިސްލާހަށް ބޭނުންވެފައި އޮތް މަންޒަރު ކަމަށެވެ. އިޖުތިމާއީ އެކި ކަންކަމާއި ސިއްހީ ދާއިރާއާއި އަދުލު އިންސާފުގެ ދާއިރާއަށް ބެލިނަމަވެސް އަދިވެސް އޮތީ އޭރު ފެށި މަސައްކަތް ނުނިމި އޮތް ތަން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގައުމުގައި ހުރި މިފަދަ އެތައް މައްސަލައެއް ހައްލުކުރަން މަޖިލީހުގައި އޮތް ޕީއެންސީގެ މެންބަރުންނާއެކު މަސައްކަތް ކުރާނީ ދިމާވެފައި އޮތް ހަގީގަތާ ކުރިމަތިލައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް މަގާމު މުހިންމު ނޫން ކަމަށް ވިދާޅުވެފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް މަގާމު މުހިންމު ނޫން ކަމަށް ވިދާޅުވެފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑުމެން އެބަ ޖެހޭ ހަގީގަތް ގަބޫލުކުރަން މައްސަލަތައް ހުރިކަން ގަބޫލުކުރަން. އަޅުގަނޑުމެން އިގްތިސޯދަކު މިހާރު ނެތް އިތުރު ޝޮކެއް ތަހައްމަލު ކުރާވަރުގެ ފުންމިނެއް ނުވަތަ ފުޅާމިނެއް. އަޅުގަނޑުމެންނަށް އެބަ ޖެހޭ މަސައްކަތް ސަރުކާރަށް މަގު ދައްކައިދޭން އާސަންދަ އިސްލާހު ކުރަން، ޑްރަގް މައްސަލަ ހައްލުކުރަން،" ނާޒިމް ވިދާޅުވި އެވެ.

"އަލަށް މަޖިލީހަށް ގުޅުނު މެންބަރުން ގޮވައިގެން އެ މަސައްކަތްތައް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް."

20 ވަނަ މަޖިލިސް ވާނީ ނަމޫނާ މަޖިލީހަކަށް!

ގައުމީ މައްސަލަތަކުގައި މިހާ ފަހަތަށް ޖެހުނު ސަބަބަކީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ވެސް ވަކި ބައެއްގެ މަންފާއަށް ކަންކަން ކުރުމުގެ ރޫހެއް އޮތުމެވެ. ނިމިދިޔަ 19 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް ވެރިކަމާއި ސުޕަމެޖޯރިޓީ ލިބުމުން ވެސް ކަންކަން ނުވެ އޮތީ އެ ސަބަބާ ހުރެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސިޔާސީ ހަމަނުޖެހުމާއި ފިތުނަވެރިކަން ނެތިގެން އަޅުގަނޑުމެންނަށް ގައުމީ ކަންކަމަށް އިސްކަން ނުދެވި ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ވެގެން އުޅެން ހަދައިގެން އަޅުގަނޑުމެން މިވަނީ ގައުމީީ ކަންކަމުގައި މިވަނީ ފަހަތަށް ޖެހިފައި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް 20 ވަނަ މަޖިލިސް ވެގެން ދާނީ މިކަންކަން ބަދަލުވެގެން ދާނެ "ނަމޫނާ މަޖިލީހަކަށް" ކަމަށެވެ. ކުރިއަށް އޮތީ މިހާތަނަށް އެންމެ ގިނަ މަޖިލިސް މެންބަރުން ތިއްބަވާނެ މަޖިލިސް ކަމަށްވީ ނަމަވެސް، އެ ހުރިހާ މެންބަރުންނާ އެކު މަސައްކަތް ކުރައްވައިގެން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލް ވެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެއްވެސް ކަހަލަ ދެ ބަސްވުމެއް ނެތި އެއްވެސް ކަހަލަ ފިތުނަވެރިކަމެއް ނެތި އަޅުގަނޑުމެންނަށް މިވަނީ މަޖިލީހުގެ މަތީ މަގާމުތަކާ ދޭތެރޭގައި ވެސް ގޮތްތަކެއް ނިންމިފައި. އެގޮތަށް ބަދަހި ގޮތެއްގައި މަޖިލިސް ބާއްވައިގެން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖެ ކަމަށް ވަންޏާ އެގޮތަށް ކުރިއަށް ގެންދެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

"ރައީސް އެންމެ ފުރަތަމަ ވެސް ކުރެއްވި އިލްތިމާސަކީ ނަމޫނާ މަޖިލީހަކަށް ހަދައިދޭށޭ. ވޭތުވެދިޔަ މަޖިލިސްތަކުން ފެނުނު މަންޒަރުތައް ތަކުރާރު ނުވާނެ ގޮތް ހަދައިދޭށޭ. ގޭގޭގެ ސިޓިންރޫމުގައި އާއިލާއާއެކުގައި ޓީވީން ވެސް ބަލައިލަން ކެރޭ ތަނަކަށް މަޖިލިސް ވާން ޖެހެޔޭ."

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލިސް ވެގެން ދާނީ ނަމޫނާ މަޖިލީހަކަށް ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލިސް ވެގެން ދާނީ ނަމޫނާ މަޖިލީހަކަށް ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕީއެންސީގެ ހުރިހާ މެންބަރުންގެ ރޫހު ވެސް އޮތީ މިގޮތަށް ކަމަށާއި އެ ކެރުންތެރިކަން މެންބަރުންގެ ހުރިނަމަ ގައުމުގެ ކަންކަން ވަރަށް އަވަހަށް އިސްލާހު ވެގެން ދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭނާގެ ނައިބު ރައީސް ކަމުގައި މަސައްކަތް ކުރާނީ މަޖިލީހުގައި ތިބި އިދިކޮޅު މަދު މެންބަރުންނަށް ވެސް ދޭން ޖެހޭ ފުރުސަތާއި ބާރު ދީގެން ކަމަށާއި އެ މެންބަރުންނަށް ރިޔާސަތާ މެދު ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިދިކޮޅު މެންބަރުންނަށް ވެސް ދޭންވާ އިހުތިރާމާއި ޖާގަ ދީގެން ހިޔާލުތައް ބަލައިގަނެގެން ކުރިއަށް ގެންދާނީ، ސިޔާސީ ރޫހުގެ ދެ ފަރާތުން ވެސް ސަރުކާރުގެ ބިލްތަކަށް ތާއީދު ލިބިގެން އެ ކަންތައްތައް މިފަހަރު ކުރިއަށް ގެންދެވޭނެ ކަމަށް މި ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

"މަޖިލިސް ތަޅުމަކުން ދެން ކުރީގައި ފެނުނު މަންޒަރުތައް ނުފެންނޭނެއޭ ދަންނަވަން ކެރިދާނެ މިހާރު ވެސް. އެކަން ކުރެވޭނީ ހަމަ ލީޑާޝިޕް ވެސް ދައްކައިގެން."