Roadha Mihaaru
"އެއްގޮތަށް ވެސް ހޮވަން ހެޔޮނުވާ މެމްބަރުން ވާދަކުރޭ"

މަޖިލީހަށް ހޮވަން ހެޔޮނުވާ ވަރުގެ ވިއްސަކަށް މެމްބަރުން އެބަ ވާދަކުރޭ: އަބްދުއްރަހީމް

07 އެޕްރީލް 2024

ރައްޔިތުންގެ މަޖިލީހަށް އެއްގޮތަށް ވެސް ހޮވަން ހެޔޮނުވާ ވަރުގެ ވިއްސަކަށް މެމްބަރުން މި އިންތިހާބުގައި ވާދަކުރާ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ އަދި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހަށް އެއްގޮތަށް ވެސް ހޮވަން ހެޔޮނުވާ ވަރުގެ ވިއްސަކަށް މެމްބަރުން މި އިންތިހާބުގައި ވާދަކުރާ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ އަދި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާޒީން އިބުރަތް ނުހޯދައި ކުރިމަގު ބިނާކުރަން ނޫޅެއްޖެނަމަ ބޭނުންވާ މުސްތަގުބަލެއް ނުލިބޭނެ ކަމަށެވެ. އެހެންވެ، މި މަހުގެ 21 ގައި ބާއްވާ އިންތިހާބާއެކު ދިވެހިންނަށް ލިބިފައި މި އޮތީ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާމަން ވަނީ މި ފުރުސަތު ގެއްލުވާ ނުލުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި އޮވެ ދެއްކީ ގޮތް ނޭނގޭ އެގްރިމެންޓުތަކުގައި ސޮއިކުރުމާއި މާލިއްޔަތު ހުސްކޮށްލުމުގެ ކަންބޮޑުވުންތައް ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ނުކެރުނު ބަޔަކު މަަޖިލީހަށް ހޮވުނީމަ ވާނެ ގޮތް ވިސްނަންޖެހޭ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ، 20 ވަނަ މަޖިލީހަށް އެއްގޮތަށް ވެސް "ވައްދަން" ހެޔޮނުވާ ވިއްސަކަށް މެމްބަރުން އިންތިހާބުގައި ވާދަކުރައްވާ ކަމަށެވެ.

އޭނާ އެ އިޝާރަތްކުރެއްވީ މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ މެމްބަރުންނަށެވެ.

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެ ރާއްޖެ ބިނާކުރުމުގެ މަގުސަދުގައި ޕީއެންސީން ވެރިކަމަށް އައިއިރު ވަރަށް ގިނަ ކަންކަން ކުރަންހުރި ކަމަށެވެ. އެއީ ކުރީގެ ސަރުކާރުން ގައުމަށް ހިނާޔަތްތެރިވުމާއި މާލިއްޔަތުގެ ބޭރުން ކަންތައްތައް ކޮށްފައި ހުރުމުން ކަމަށް ވިދާޅުވި އެވެ. އެ މެމްބަރުންގެ ތެދުވެރިކަމެއް ހުރި ނަމަ ގައުމު މި ހިސާބަށް ނުދިޔައީސް ކަމަށް ވެސް، ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ދިވެހީންގެ ރާއްޖެ ބިނާކުރަން އެންމެ މުހިއްމީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި އެހެން ނޫނީ އުފާވެރި މުސްތަގުބަލެއް ނުހޯދޭނެތީ މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މި އިންތިހާބުގައި 90 ދާއިރާގެ ތެރެއިން، ޕީއެންސީން 87 ކެންޑިޑޭޓުން ނެރެފައިވެ އެވެ. ބާކީތިބި ތިން ދާއިރާއަކީ، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ދާއިރާ އެކަންޏެވެ.

"ރައީސް ޑރ. މުއިއްޒާއެކު ނުކުތީ ތަސައްވަރެއް ހިފައިގެން.. އޭގައި ހަގީގީ ކުލަ ޖައްސަން ބޭނުންވޭ. އޯގާތެރިކަމާއެކު ހިދުމަތްކުރަން ބޭނުންވޭ. ރައްޔިތުން ބޭނުންވާ ހަމަޖެހުން ގާއިމްކުރަން ބޭނުންވޭ. ޕީއެންސީގެ ކެންޑިޑޭޓުން މި ސަރުކާރަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑިމޮކްރަސީގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ސިޔާސީ ކޯޅުމާއި ޒާތީ ޖަދުލުކުރުމުގެ ތެރޭގައި ގައުމު ގެއްލި، ހަލާކުވެފައިވާ ކަމަށާއި އެ ކޯޅުންތައް ދޫކޮށްލައި ހަމަޖެހުން ގާއިމްކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ ހަމައެކަނި ސިޔާސީ ލީޑަރުންގެ ގައުމެއް ނޫން ކަމަށާއި އުފާވެރި ގައުމު ބިނާކޮށްދިނުމަށް ޖާގަ ތަނަވަސްކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ އެކަން ފުރިހަމަވާނީ 20 ވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ ޕީއެންސީއަށް ދީގެން ކަމަށެވެ.

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ސަރުކާރާއެކު ދެމި ހުންނެވީ ސާބިތުވެ ކަމަށާއި ކިތަންމެ ވަރަކަށް ފާޑު ކިޔަސް ޖެހިލުމެއް ނެތި، މި ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ތެރެއިންނާއި ބޭރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސަށް ވަނީ އަރުވައިފަ އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ވަކި ފަރުދެއް މުހިއްމެއް ނޫން. އެއްވެސް ވަކި ފަރުދެއް މުހިއްމެއް ނޫން. އަޅުގަނޑުމެންނަށް މުހިއްމީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު. ދިވެހިރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހުންނެވީ ވަރަށް ސާބިތުކަމާއެކު އެ ކަންކަން ކޮށްދިނުމުގެ ނިޔަތާއެކު." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މީހުން އައިސް އެނބުރި ދާނެ އެވެ. އަދި އެ އުސޫލުން އަބަދު އެއްބަޔަކު ވެރިކަމުގައި ދެމިތިބެދާނެ ކަމަށް ހީވުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށް ވިދާޅުވި އެވެ.

"އެއީ ފިތުރަތުގެ ގާނޫނު ނިޔާކުރާ ގޮތެއް ނޫން. އިރުއަރާ އޮއްސެމުންދާ ވަރަކަށް ދުވަސްތައް ތަކުރާރުވަމުންދާނެ. އެއާއެކު ބަދަލުތައް އަންނަމުންދާނެ. އަޅުގަނޑުމެންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަންނަ ބަދަލުތައް ހެޔޮ ހިތުން ގަބޫލުކުރުން. ތިމާމެން ނޫން އެހެން މީހުންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހީވާކަމަށްވަންޏާ އެފަދަ ބަޔަކީ ޖާހިލުކަމުގެ އިންތިހާއަށް ގޮސްފައި ތިބި މީހުން." އަބްދުއްރަހީމް ވިދާޅުވި އެވެ.