31 މާޗް 2024
މި ދޫނީގެ ތަފާތުކަން އެނގޭ ހެއްޔެވެ؟ މީގެ ތަފާތުކަން ހުރި ވަރަކީ މީގެ ދޫންޏެއް މި ނޫނީ ދުނިޔޭގައި ވެސް އިންކަން އަދި އެނގެން ނެތުމެވެ.
މި ދޫނީގެ ތަފާތުކަން އެނގޭ ހެއްޔެވެ؟ މީގެ ތަފާތުކަން ހުރި ވަރަކީ މީގެ ދޫންޏެއް މި ނޫނީ ދުނިޔޭގައި ވެސް އިންކަން އަދި އެނގެން ނެތުމެވެ.
މިއީ ޖެންޑޭ ކޮނިއުއާ އެކެވެ. މިއީ ފިޔަގަނޑު ފެހި ކުލައިގައި ބޮލާއި ކަރު ރީނދޫ ކުލައިގައި އަދި ބަނޑުދޮށް ރަތް ކުލައެއްގައި ހުންނަ ކުޑަ ދޫންޏެކެވެ. ތުން އިންނާނީ ކަޅު ކުލައިގަ އެވެ. ފޮޓޯތަކުން އެ ފެންނަނީ މީގެ ޖޯޑަކުން އުފަންވި ހަމަ މީގެ ދޫންޏެކެވެ. އަދި އުމުރުން ހަތަރު ވަރަކަށް މަހެވެ.
އެކަމަކު މީގެ މަންމަ އާއި ބައްޕަގެ ކުލަތައް އުނިވެ، އަލިފާން ހުޅުގަނޑެއްގެ ކުލަތަކާ އެކު ވެފައި އެ އިނީ ދުނިޔޭގައި އިން މީގެ ހަމަ އެކަނި ދޫނި ކަމަށް މިހާތަނަށް ވަނީ ބެލެވިފަ އެވެ.
މިއީ ނެޗުރަލް މިއުޓޭޝަނެކެވެ. ދޫނިތަކުގައި މި ދެ ކުލައަށް ބަދަލުވުމުން ކިޔަނީ "ލުޓީނޯ" އެއް ކަމަށެވެ.
ފެހި، ރީނދޫ އަދި ރަތް ކުލަ ހުންނަ ޖެންޑޭ ކޮނިއުއާގެ ޖޯޑަކުން އުފަންވި އޭގެ ވަރަށް ނާދިރު މިއުޓޭޝަނެއްގެ ދޫނި، އެ ގެންގުޅޭ އިބްރާހިމް މުހައްމަދުގެ އަތުގައި އިށީނދެލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާންމުކޮށް މި ގެންގުޅޭ އެކި ވައްތަރުތަކުގެ ދޫނިތަކުގެ ތެރޭގައި ވެސް ލުޓީނޯ އުޅެ އެވެ. ސަން ކޮނިއުއާ އާއި ލަވް ބާޑް ފަދަ އެއްޗެހީގެ ވެސް ލުޓީނޯ އުޅެ އެވެ. އެކަމަކު "ޖެންޑޭ ކޮނިއުއާ" ލުޓީނޯ ވުމަކީ ވަރަށް ނާދިރު ކަމެއްކަން އަދި މި ދޫނީގެ ހާއްސަކަން މި ދޫނި ގެންގުޅޭ، ތ. ވޭމަންޑޫ އިބްރާހިމް މުހައްމަދު، 32، އަށް އެނގުނީ ދޫނީގެ މިއުޓޭޝަންތައް ހޯދައި އެކަމުގެ މައުލޫމާތު އެއްކުރާ ބޭރުގެ ތަޖުރިބާކާރެއްގެ ފަރާތުންނެވެ.
"ޓޯނީ ސިލްވާ އެއީ. އޭނާއަށް ފޮޓޯ ފޮނުވީ. ފޮނުވީމަ ބުނީ މީގެ މައުލޫމާތު ކިޔައިދޭށޭ ... ދެން އޭނާ ބުނީ ރެއާ އެއްޗެކޭ،" އަތުގައި ދޫނި ބައިންދައިގެން އިނދެ އިބްރާހިމް އެ ދޫނީގެ ހާއްސަކަން ކިޔައިދިނެވެ.
"މިއީ ހަމަ ނޯމަލް ޖެންޑޭ ކޮނިއުއާ ޕެއާއަކުން ނިކުތް އެއްޗެއް. ހަމަ ނެޗުރަލް މިއުޓޭޝަންއެއް."
ތަފާތު ދޫންޏާ ބެހޭ ގޮތުން ޓޯނީ ސިލްވާ އިންސްޓަގްރާމްގައި ކުރި ޕޯސްޓް
ކުޑަ އިރުން ފެށިގެން ދޫނި ގެންގުޅެން ފަށައި އަދި މިހާރު މުޅި ގޭގެ އެކި ތަންތަނާ ކޮށި ހަދައިގެންނާއި ގޭތެރެއަށް ދޫކޮށްލައިގެން އެކި ފާޑުގެ އެތައް ބައިވަރު ދޫންޏެއް ގެންގުޅޭ އިބްރާހިމް ބުނީ މީގެ "އިތުރު ބްރީޑެއް ދުނިޔެއިން ފެނިފައި ނެތް" ކަމަށް ޓޯނީ ސިލްވަ ބުނި ކަމަށެވެ. އޭނާ ބުނީ އެހެން ގޮތްގޮތުން ބެލި އިރު ވެސް މީގެ ދޫންޏެއްގެ މައުލޫމާތެއް ނުލިބުނު ކަމަށެވެ.
ދުނިޔޭގައި ވަރަށް ނާދިރު ޖެންޑޭ ކޮނިއުއާގެ ލުޓީނޯ އުފަންވި އޭގެ ޖޯޑަށް އެންމެ ފަހުން ލިބުނު ދޫނިތަކުގެ ތެރެއިން ދޫންޏެއް ދައްކާލަނީ. މި ދޫނިތަކުގެ ތެރޭގައި ހުރީ މުޅިން ވެސް އާދައިގެ ޖެންޑޭ ކޮނިއުއާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ބުނީ މިއީ ތަފާތު ބްރީޑެއް އުފަންކުރުމުގެ ވިސްނުމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ.
"އެކަމަކު އެންމެ ކުޑައިރު ލޯ ރީނދޫކޮށް އިނީމަ އެނގިއްޖެ މިއީ ލުޓީނޯއެއްކަން. ދެން އޭރަކު ނޭނގެ ދުނިޔޭގައި ނެތް އެއްޗެއް ކަމެއް. ރެއާ އެއްޗެއް ކަމެއް. ފަހުން މި އެނގުނީ،" އިބްރާހިމް ބުނީ ކުލަ ތަފާތުވުން ނޫން އެހެން އެއްވެސް ތަފާތުކަމެއް މީގެ އަސްލު ދޫނިތަކުގެ އުޅުމާ އަޅާބަލާއިރު ވެސް ނުފެންނަ ކަމަށެވެ.
ޖެންޑޭ ކޮނިއުއާގެ އާދައިގެ ދޫންޏެއް (ވ) އަދި އޭގެ ލުޓީނޯ
ޓޯނީ ސިލްވާގެ ވެސް ލަފަޔާ އެކު އިބްރާހިމްގެ ވިސްނުން ހުރީ މި ތަފާތު އަދި ހާއްސަ ބްރީޑްގެ ދޫނިތައް އިތުރަށް ވިއްސައި ފައިދާ ހޯދޭނެ ގޮތަކަށް މިކަން ކުރިއަށް ގެންދާށެވެ.
"ލަންކާ ކޮޅުން [މީހަކު] އެބައިން ބުނެފަ މީތި ނަގަން 20،000 ޔޫއެސް ޑޮލަރަށް. އަދި [އެހެން ގައުމެއްގެ މީހަކު] އެބައިން 30،000 ޑޮލަރަށް ބުނެފައި،" ދޫނީގެ ތަފާތުކަމާ އެކު އެތައް ބަޔަކު މި ދޫނި ބޮޑު އަގުގައި ގަންނަން ބޭނުންވެގެން އުޅޭ ކަމަށް އޭނާ ބުންޏެވެ.
ޖެންޑޭ ކޮނިއުއާގެ އާދައިގެ ޖޯޑަކުން އުފަންވި އޭގެ ނާދިރު މިއުޓޭޝަނެއްގެ ދޫނި، އެ ގެންގުޅޭ އިބްރާހިމް މުހައްމަދުގެ އަތުގައި އިށީނދެލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އެކަމަކު އަހަރެމެން މި ދޫނި ވިއްކާ ކަހަލަ ހިޔާލެއް ކޮށްފައެއް ނެތް. ހަރުކޮށްފައި ބްރީޑްކުރަން ބޭނުންވަނީ."
އެހެންވެ މިހާރު ވިސްނުން ހުރީ މި ލުޓީނޯ އުފަންކުރުވި ޖޯޑުން ދެން އުފަންވާ ދޫންޏަކާ މި ލުޓީނޯގެ ދަރިން ވިއްސުމެވެ. އޭނާ ބުނި ގޮތުގައި އެހެން ހަދައިފި ނަމަ، މި ތަފާތު ބްރީޑްގެ ދޫނި އުފަންވުމުގެ ފުރުސަތު ބޮޑު ކަމަށް ޓޯނީ ސިލްވާ ވެސް ބުންޏެވެ.
އެކަމަކު އަދި އެކަން ކުރެވޭނީ މިހާރު އުމުރުން ފަސް ވަރަކަށް މަހުގެ މި ދޫންޏަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ.
މި ލުޓީނޯގެ މަންމަ އާއި ބައްޕަގެ އެހެން ދަރިންތަކެއް އޭރު ވެސް ތިބީ އުފަންވި ގޮތަށް ހާލީގަ އެވެ. އެކަމަކު އެ ހުރިހާ ދޫނިތަކެއް ވެސް ތިބީ މަންމަ އާއި ބައްޕަ ގޮތަށް އާދައިގެ ޖެންޑޭ ކޮނިއުއާ ގޮތަށެވެ. އެކަމަކު އިބްރާހިމް އުންމީދާ އެކު ބުނީ މި ޖޯޑަކީ ލުޓީނޯގެ ބްލަޑްލައިން ހުރި އެއްޗަކަށް ވާތީ އަދިވެސް އޭގެ އެއްޗެއް އުފަންވެދާނެ ކަމަށެވެ.
ތ. ވޭމަންޑޫގައި ދޫނި ގެންގުޅޭ އިބްރާހިމް މުހައްމަދުގެ ގޭ ގޯތިތެރޭ ހުރި ޖޯއްޔެއްގައި އޭނާގެ ހާއްސަ ދޫނި އިށީނދެލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިފަހަރު ނުވިޔަސް، ހަމަ އެހެން ފަހަރަކު ވެސް ލިބިދާނެ."
ބައްޕަ ދޫނި ގެންގުޅޭތީ އެސޮރުމެންގެ ގޮވުންތަކާއި ކުލަތަކަށް ހިތް ދެވި އެންމެ ފަހުން އިބްރާހިމް ވެސް އެކަމުގެ ތެރެއަށް އެންމެ ފުރަތަމަ ވަނީ ޕިންޗް އާއި ބަޖީ ފަދަ އާންމު ދޫނިތަކުންނެވެ. އެކަމަކު މިހާރު އޭނާގެ އޮތީ ދޫނި ފާމެކެވެ. އެކަމުގައި އަށް އަހަރު ހޭދަވެއްޖެ އެވެ. ގޭގެ ގޯތި ތެރޭގައި އެއް ބިތް އެއްކޮޅުން އަނެއްކޮޅަށް ކޮށްޓެއް އަޅައި އޭގެ ތެރޭގައި ވެސް އެތައް ބައިވަރު ދޫންޏެއް ގެންގުޅޭ އިރު އަދި އެޔަށްވުރެ ބޮޑު ޖާގައެއްގައި ވެސް ހަމަ އެހާ ދޫނި ގެންގުޅެ އެވެ.
ދޫނި ވިއްސައި އެއިން ވިޔަފާރިކުރުމުގެ ވާހަކަ ފެށުމުން އިބްރާހިމް މިކަމުގެ ބުރަ ކަމުގެ ވާހަކަ ފެށި އެވެ.
"އަސްލު ވަރަށް ބުރަ ކަމެއް އެއީ. މީހުން ހިކުރާ ވަރަށް ވުރެ ވެސް ބުރަ ކަމެއް އެއީ. މިސާލަކަށް، ބޭބީއަކަށް ދެ ގަޑިން ދެ ގަޑިން ކާންދީގެން ބޮޑުކުރަން އެއީ ވަރަށް ވަގުތު. ހަމަ އިންސާނެއް، ކުޑަ ކުއްޖަކު ގެންގުޅޭހެން،" މިއީ 24 ގަޑިއިރުގެ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.
ޖެންޑޭ ކޮނިއުއާގެ ލުޓީނޯ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކޮށިތައް ސާފުކުރުމާއި ދޫންޏަކަށް އިންފެކްޝަނެއް ޖެހި ބަލިވެއްޖެ ނަމަ ބޭނުންވާ ބޭސް ހޯދައި ފަަރުވާ ދިނުމާއި މި ހުރިހާ ކަމަކަށް ވެސް ވަގުތު ދޭން ޖެހެ އެވެ.
އެކަމަކު އިބްރާހިމް މިކަމަށް އޮތް ލޯތްބެއްގެ ސަބަބުން މިކަމުގައި ފޫހިވާ ވަގުތެއް ނާދެ އެވެ. ރަށުގެ ފެނަކައިގެ އިބްރާހިމް އަދާކުރާ ވަޒީފާގެ އިތުރުން ދެން އެންމެ ގިނައިރު އުޅެނީ މި ކޮށިތަކުގެ ތެރޭގަ އެވެ.
މިހާރު ލިބިފައި އިން ލުޓީނޯ ޖެންޑޭ ކޮނިއުއާ އަށް ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް އިބްރާހިމް ހުރީ އެ ވިއްކާ ގޮތަކަށް ނޫނެވެ. މި ބްރީޑްކޮށް އިތުރުކުރެވިއްޖެ ނަމަ އޮތް މަންފާ މާ ބޮޑުކަން އޭނަށް އެނގެ އެވެ. އެހެން ނޫނަސް، އެހާ ހާއްސަ ދޫންޏެއް އަތުގައި އިނުމަކީ ބޮޑު ޝަރަފެކެވެ.
ވަޒީފާ ދޫކޮށްލާފައި ދޫނިތަކުގެ މަންމައަކަށް!
ވިޔަފާރި ދަސްކުރަން އަރަންވީ ނައީމްބެގެ ބޯޓަށް
ހަމަހިމޭން ދިރިއުޅުމެއްގައި އުފާވެރި އާއިލާއެއް
ކަނޑިތީމަށް ހަމްދޫން އުދުއްސާލި އުފާވެރިކަން
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!