Roadha Mihaaru
އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައިފި

ކުޅިވަރު އިދާރާތަކުގެ އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައި އިންތިހާބު ފަސްކޮށްފި

12 މާޗް 2024

އޮބްޒާވް ކުރާނެ އެއްވެސް އިދާރާއެއް ނެތި ބޭއްވި ވީއޭއެމްގެ ކޮންގްރެސްގައި، އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްފި އެވެ.

އޮބްޒާވް ކުރާނެ އެއްވެސް އިދާރާއެއް ނެތި ބޭއްވި ވީއޭއެމްގެ ކޮންގްރެސްގައި، އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްފި އެވެ.

ކުރިން އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ މި އަންނަ ހުކުރު ދުވަހަށެވެ. އެކަމަކު ހަތަރު ދުވަސް ފަސް ކުރުމަށް ފަހު، މިހާރު އިންތިހާބު ބާއްވަން ނިންމާފައި ވަނީ މި މަހު 19 ވަނަ ދުވަހަށެވެ.

ރޭ ސޮލައިޓްގައި ބޭއްވި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮބްޒާވް ކުރަން، އޮލިމްޕިކް ކޮމިޓީން އަދި ސްޕޯޓްސް ކައުންސިލު އަދި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވެސް ހާޒިރު ނުވެ އެވެ. އެކަމަކު މިދިޔަ މަހު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮބްޒާވް ކުރަން އެ ތިން އިދާރާގެ އޮފިޝަލުން ވެސް ހާޒިރުވި އެވެ.

އެ އިދާރާތަކުން ވީއޭއެމްގެ ކޮންގްރެސްގައި ބައިވެރި ނުވި އިރު، ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވަނީ އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގައިފަ އެވެ. އެކަމަކު އެ ބައްދަލުވުން ވެސް ބާއްވާފައެއް ނުވެ އެވެ.

ނަމަވެސް އިންތިހާބީ މަސައްކަތް އެ އެސޯސިއޭޝަނުން ކުރިއަށް ގެންދެ އެވެ. ރޭ ފަސް ކުރި އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލީ، މީގެ ކުރީ ދައުރުގެ ރައީސް މުހައްމަދު ލަތީފެވެ. އޭނާ އަށް ލިބޭނީ އޭޕްރީލް 2021 ގައި ފެށި ވީއޭއެމްގެ މިހާރުގެ އެކްސްކޯގެ ދައުރުގައި ބާކީ އޮތް އެއް އަހަރެވެ. ރައީސްގެ މަގާމުގައި ކުރިން ހުރި މުހައްމަދު ރަނޭޝް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ވީއޭއެމްގެ އާ ހިންގާގަވާއިދުގެ ދަށުން 15 މެންބަރުން އެކްސްކީޯގައި ހިމެނެ އެވެ. މިވަގުތު އެކްސްކޯގައި ތިއްބެވީ ހަ މެންބަރުންނެވެ. އަނެއް 9 މަގާމަށް އިއުލާން ކުރުމުން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެއް ކެންޑިޑޭޓެވެ. މިހާރުގެ ގަވާއިދިގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވާނަމަ އެ ފަރާތެއް ހޮވޭނެ އެވެ. ރޭ ބޭއްވި ކޮންގްރެސްގައި ގިނައިން ބައިވެރިވީ، ރައީސް ކަމަށް ކުރިމަތިލެއްވި، މުހައްމަދު ލަތީފަށް ތާއީދު ކުރާ ކްލަބްތަކެވެ. ބައެއް ކްލަބްތަކަށް ކޮންގްރެސްގައި ތަމްސީލު ކުރާކަށް އަދި އޮބްޒާވް ކުރާކަށް ވެސް ފުރުސަތެއް ނުލިބުނެވެ. ކުރީގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ތަމްސީލު ކުރަން ކޮންގްރެސްގައި ރަޖިސްޓްރީ ކުރިކަމަށް އޭނާ ބުނާ ސްޕޯޓްސް ކްލަބް ސިޓީ އަށް ފުރުސަތެއް ނުދިނެވެ. އަދި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވާން ކުރީގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝާފީގެ މަލްސާ ސްޕޯޓްސް ކްލަބަށް ވެސް އެ ފުރުސަތު ވެސް ނުދިނެވެ.

ވީއޭއެމުން ބުނީ، އެ ދެ ކްލަބުން ވެސް އެކަމަށް ފުރިހަމަ ކުރަން ޖެހޭ ރަޖިސްޓްރޭޝަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.