Roadha Mihaaru
ޝަރުއީ ދާއިރާގައި ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް

ނޮވެމްބަރު 17 އިން ފެށިގެން ޝަރުއީ ދާއިރާ ހިނގަނީ ސަރުކާރުގެ ނުފޫޒެއް ނެތި: ރައީސް

05 ފެބުރުއަރީ 2024

ރައީސްކަމުގެ މަގާމުގެ ހުވާ އެ މަނިކުފާނު ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސްކަމުގެ މަގާމުގެ ހުވާ އެ މަނިކުފާނު ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"... އާދެ! 17 ނޮވެމްބަރު 2023 ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެ ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާ އެކު ދަންނަވަން،" ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ފޯރާ ވަރު ހަނިކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ޝަރުއީ ދާއިރާ އަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހަމަ އެއާ އެކު، ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެ ނަމަ ވަގުތުން ފިޔަވަޅު ވެސް އަޅުގަނޑު އަޅާނަން."--- ރައީސް މުއިއްޒު

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރުމަށް ފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެ ދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށް ވެ ވަޑައިގެންނެވި ވައުދާ އެއްގޮތަށް މިހާރު ވެސް ކުރިއަށް ވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް، އަދަބު ދިނުމަކީ އެ މަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާ އެއްގޮތަށް އަޅުގަނޑުގެ ބަހާއި އަމަލު ސީދާ ކުރާނަން. ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެ ނަމަ ވަގުތުން ފިޔަވަޅު ވެސް އަޅުގަނޑު އަޅާނަން."