Roadha Mihaaru
އައްޑޫ ބްރިޖު އަޅައި އަމަލުން ދައްކާނަން: ރައީސް

އައްޑޫގައި ބްރިޖު އަޅާނީ އަނގަބަހަކުން ނޫން، އަޅައި އަމަލުން ދައްކާނަން: ރައީސް

23 ޖެނުއަރީ 2024

މި ސަރުކާރުން އައްޑޫ، ހިތަދޫ-ހުޅުމީދޫ ބްރިޖު އަޅާނީ އަނގަބަހުން ނޫން ކަމަށާއި އެކަން އަމަލީ ގޮތުން ކުރައްވައި ދައްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުން އައްޑޫ، ހިތަދޫ-ހުޅުމީދޫ ބްރިޖު އަޅާނީ އަނގަބަހުން ނޫން ކަމަށާއި އެކަން އަމަލީ ގޮތުން ކުރައްވައި ދައްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލް މެމްބަރުން ހުވާ ކުރެއްވުމަށް ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ބްރިޖު މި ސަރުކާރުން އަޅައި ދައްކަވާނެ ކަމަށެވެ.

ހުޅުމީދޫ އަކީ އައްޑޫ އަތޮޅުގައި ވަކިން އޮންނަ ހަމައެކަނި ރަށް.--

ހުޅުމީދޫ އަކީ އައްޑޫ އަތޮޅުގައި ވަކިން އޮންނަ ހަމައެކަނި ރަށް.--

މިހާރު އެ ބްރިޖުގެ ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ވަރަށް ހުރިހާ ތަފުސީލެއް ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ބްރިޖުގެ މަސައްކަތް ހިނގާނެ. އައްޑޫ ސިޓީގައި އަޅުގަނޑުމެން ހަމައެކަނި އަނގަ ބަހަކުން ނޫން ބްރިޖު އަޅާނީ. އަމަލީ ގޮތުން ބްރިޖު އަޅާފައި ދައްކާނަން،" ވަރަށް ޔަގީންކަމާ އެކު ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކުރެހުމާއި އިންޖިނިއަރިން އާއި ހުރިހާ ޑިޒައިނިން ނިންމާފައި އެ ބްރިޖުގެ މަސައްކަތް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން."

މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް ވަނީ 30 މިލިއަން ރުފިޔާހިމަނާފަ އެވެ.

އައްޑޫ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް، އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުގައި ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމެނެ އެވެ. ޗައިނާގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު، އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހަދައި ނިމޭއިރު، އެއްގަމުން ގުޅުވައިލަން ބޭނުންވާ ރަށްތައް ވެސް ހުންނާނެ ކަމަށާއި އޭގެ ފަންނީ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ މާލެ އާއި ރަސްމާލެ ގުޅުވައިލާނީ އަންޑަ ވޯޓަ ޓަނަލަކުން ކަމަށެވެ.