Roadha Mihaaru
ގިނަ އަދަދެއްގެ ފުލުހުންނަށް ފަހުވަގުތު ޕްރޮމޯޝަން ދީފި

އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާ ހިލާފަށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފި

15 ނޮވެމްބަރ 2023

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކާ އެކު ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކާ އެކު ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފި އެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި މި ވަގުތު ވެސް ތިއްބެވި ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވާކަން، ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަންގަވައިފަ އެވެ. އެގްޒެކެޓިވް ފެންވަރުގެ ބޭފުޅުންގެ އިތުރުން އެހެން ބައެއް ފުލުހުންނަށް ވެސް މިއަދު ޕްރޮމޯޝަން ދޭން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ޕްރޮމޯޝަން ދީފައިވަނީ ކޮން ބަޔަކަށް ކަމަށް އަދި ސާފެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން 48 ގަޑިއިރަށް ވެފައިވަނިކޮށް ޕްރޮމޯޝަން ދިންކަން އަންގަވައި، އިންތިހާބީ ރައީސަށް ފޮނުއްވި މެސެޖުގައި ސީޕީ ވިދާޅުވީ އެ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާތީ އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ވިސްނުމުން ދުރުވާން ބޭނުންވާތީ، އޭރު ޕްރޮމޯޝަން ނުދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮމޯޝަންތަކާއި މުހިއްމު އެހެން ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމަކަށް މިދިޔަ ހަފުތާގައި އެދިވަޑައިގެންނެވި ކަމަށް ވެސް އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

"މިފަދަ މުހިންމު ކަމެއް ނުނިމި އޮވެ ރިޓަޔާ ކުރާކަށް ބޭނުމެއް ނޫން. މިއީ، ބުރަކޮށް މަސައްކަތްކޮށް، ޕްރޮމޯޝަން ހައްގު މީހުންނަށް ބޭއިންސާފަކަށް ވާނެ،" އެ މެސެޖުގައިވެ އެވެ.

ހަމީދު ވަނީ އެ ޕްރޮމޯޝަން ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ.

އެއްވެސް ސަބަބަކާހުރެ، އެފަދަ ޕްރޮމޯޝަންތައް ދިނުން މުރާޖައާކުރަން ޖެހޭ ނަމަ ނުވަތަ އެއްވެސް ކަހަލަ ފުށުއެރުންތަކެއް ހުރިކަމަށް ފެނިއްޖެ ނަމަ، އެކަންކަން ހައްލުކުރެވޭނީ، އެކަށީގެންވާ މަރުހަލާއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް ފުލުހުންނަށް އޭސީސީން ވެސް އެންގި އެވެ. އެއީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން އެކަން ފުލުހުން ޕީޖީގެ ސަމާލުކަމަށް ގެނައުމުން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަނީ އަންގަވައިފަ އެވެ.