Roadha Mihaaru
މ. އަތޮޅު ތައުލީމީ މަރުކަޒު ވޮލީގެ ދެ ފައިނަލަށް

އިންޓަ ސްކޫލް ވޮލީ: މ. އަތޮޅު ތައުލީމީ މަރުކަޒު 19 އަހަރުން ދަށުގެ ދެ ފައިނަލަށް

10 ނޮވެމްބަރ 2023

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ފައިނަލުން ވެސް މ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ފައިނަލުން ވެސް މ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުގެ ފިރިހެން ވޮލީ ޓީމު، ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއާ އެކު ވިލާ އަށް ވަނީ މި ކެޓެގަރީގެ ތިންވަނަ ލިބިފަ އެވެ.

ވިލާއާ ދެކޮޅަށް މ. އަތޮޅު ތައުލީމީ މަރުކަޒުން ސެޓްތައް ގެންގޮސްފައި ވަނީ 27-25، 25-19، 23-25 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު އިމްތިޔާޒް އަފީފް އެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުގެ ފިރިހެން ވޮލީ ޓީމު ފައިނަލްގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސީއެޗްއެސްއީއާ ދެކޮޅަށެވެ. ހަ ޓީމު ބައިވެރިވި މި ކެޓެގަރީގެ ލީގު ބުރުގައި މ. އަތޮޅު ތައުލީމީ މަރުކަޒު ބަލިވެފައި ވަނީ ވެސް ހަމައެކަނި ސީއެޗްއެސްއީ އަތުންނެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުގެ 19 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމް.-- ފޮޓޯ: ވީއޭއެމް

މ. އަތޮޅު ތައުލީމީ މަރުކަޒުގެ 19 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމް.-- ފޮޓޯ: ވީއޭއެމް

އަންހެން ފައިނަލްގެ ޖާގަ މ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ، ފަސް ސެޓަށް ދެމިގެން ދިޔަ އިއްޔެގެ ސެމީ ފައިނަލް މެޗުގައި 3-2 ސެޓުން ސީއެޗްއެސްއީ ބަލި ކޮށްގެންނެވެ. މިއާ އެކު ސީއެޗްއެސްއީ އަށް ވަނީ ތިންވަނަ ލިބިފަ އެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުން ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު 25-6 އިން ގެންދިޔަ ނަމަވެސް ސީއެޗްއެސްއީން ވަނީ ދެން ކުޅުނު ދެ ސެޓުގައި 25-15، 25-19 އިން ކުރި ހޯދައިފަ އެވެ. އެކަމަކު ވާދަވެރި ކުޅުމަކަށް ފަހު މ. އަތޮޅު ތައުލީމީ މަރުކަޒުން 25-23 އިން ޖެހިގެން އައި ސެޓް ގެންގޮސް، 15-13 އިން ފަސްވަނަ ސެޓް ކާމިޔާބު ކޮށްގެން ފައިނަލްގެ ފުރުސަތު ޔަގީން ކުރި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ މަނާލް އިސްމާއިލް ރަޝީދެވެ.

އަންހެން ފައިނަލްގައި މ. އަތޮޅު ތައުލީމީ މަރުކަޒު ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ. އަންހެން ކެޓެގަރީގައި ފަސް ޓީމު ބައިވެރި ވެފައި ވާއިރު، ލީގު ބުރުގައި މ. އަތޮޅު ތައުލީމީ މަރުކަޒު ބަލި ވެފައި ވަނީ ހަމައެކަނި ކެޔޮދޫ ސްކޫލް އަތުންނެވެ.

އަންހެން އަދި ފިރިހެން ކެޓެގަރީގެ ސެމީ ފައިނަލް ވެސް ބުދަ ދުވަހު ކުޅޭގޮތަށް ތާވަލް ކުރެވުނު ނަމަވެސް، މޫސުން ތަން ނުދޭތީ އެކުވެނި ވޮލީ ޓާފްގައި ސެމީ ފައިނަލް މެޗުތައް ކުޅުނީ އިއްޔެ އެވެ. އަދި ފައިނަލް މެޗުތައް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

19 އަހަރުން ދަށުގެ ފައިނަލް މެޗުތައް:

• 16:15 - އަންހެން : ކެޔޮދޫ ސްކޫލް / މ. އަތޮޅު ތައުލީމީ މަރުކަޒު

• 19:45 - ފިރިހެން : ސީއެޗްއެސްއީ / މ. އަތޮޅު ތައުލީމީ މަރުކަޒު