Roadha Mihaaru
އޮލިމްޕަހުގައި "ފްރީ ޑެލިވަރީ" ދައްކަން ފަށައިފި

އޮލިމްޕަހުގައި "ފްރީ ޑެލިވަރީ" ދައްކަން ފަށައިފި

06 ނޮވެމްބަރ 2023

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި އެވެ.

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި އެވެ.

މި ފިލްމު ޕްރިމިއާ ކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގައި ވަނީ ރެޑްކާޕެޓް އިވެންޓެއް ވެސް ބާއްވައިފަ އެވެ.

"ފްރީ ޑެލިވަރީ" އަކީ ކުރިން ބައެއް ވެބް ސީރީޒްތައް އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމެވެ.

އާންމުކޮށް ތުރިލާ ކަހަލަ ފިލްމާއި ސީރީޒްތައް ޑައިރެކްޓްކުރަމުން އަންނަ އިލްޔާސް މިފަހަރު ކޮމެޑީއެއް ހަދަން ނިންމީ ތަފާތު މަސައްކަތެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ. "ބަވަތި" އަދި "ނީނާ" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނީ ބެލުންތެރިންނަށް މި ފިލްމު ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މި ފިލްމުގައި ދައްކާނީ ޑެލިވަރީއެއް ކުރަން ދާ ބަޔަކަށް ދިމާވާ މަޖާ ކަންތައްތަކެއް،" އޭނާ ބުންޏެވެ.

"ފްރީ ޑެލިވަރީ" ލީޑު ކާސްޓަށް ވެސް ނަގާފައި ވަނީ ފިލްމަކުން މުޅިން އަލަށް ފެންނަ އެކްޓަރުންނެވެ. އެއީ ކުރިން ބައެއް ވެބް ސީރީޒްތަކުގައި މަސައްކަތް ކޮށްފައިވާ ރައުފަތު ސޯދިގު އާއި އައިޝާ އަލީ އަދި އެކްޓިންނަށް އަލަށް ނުކުތް ތާތި އާދަމެވެ.

"ފްރީ ޑެލިވަރީ"ގެ ކާސްޓާއި ކްރޫ.

"ފްރީ ޑެލިވަރީ"ގެ ކާސްޓާއި ކްރޫ.

"އެ ތިން މީހުންނާ އެކު ވެސް ވަރަށް ފަން އެކްސްޕީރިއެންއެއް މި ކުރެވުނީ. ގާތްގަނޑަކަށް 30 ދުވަހުން ޝޫޓިން ނިންމާލީ. އޭގެން ކޮންމެ އެކްޓަރެއްގެ ވެސް ވަރަށް ތަފާތު ހުނަރެއް މި ފިލްމުގައި ފެންނާނެ،" އިއްލެ ބުންޏެވެ.

މި ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ވެސް ލިޔުނީ އިއްލެ އަމިއްލަ އަށެވެ. ޕްރޮޑިއުސަރުންނަކީ އިއްލެގެ އިތުރުން އާސިމް އަލީ އާއި އާމިރާ އަލީ އެވެ.

"ފްރީ ޑެލިވަރީ"ގެ 20 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ނިންމައިފަ އެވެ.