10 ފެބުރުއަރީ 2023
ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުކުރަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ރައްދު ދެއްވައިފި އެވެ.
ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުކުރަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ރައްދު ދެއްވައިފި އެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށެވެ.
"ފަނޑިޔާރު ގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭން ޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަވަހަށް މައްސަލަތައް ނިންމުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ އަމާޒެއް ކަމަށް ވިދާޅުވެ، އެ މަގްސަދު ހާސިލްވަމުންދާ މަންޒަރު މިހާރު ފެންނަ ކަމަށް ވިދާޅުވި އެވެ.
ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށްފަ، މިސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ ޝަރުއީ ދާއިރާ މިނިވަންވުމެއްނޫން. 4 އަހަރުވެގެން ދިޔައިރު ވައުދުވިގޮތަށް JSC އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން ރަގަޅުވާނީ. https://t.co/LInZFZKwft
— Ahmed Usham (@a_usham) February 10, 2023
އެ ވާހަކަތަކަށް ރައްދު ދެއްވަމުން، އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވީ، ކުރިން ތިބި ފަނޑިޔާރުން ބޭރުކުރުމަށް ފަހު މި ސަރުކާރުން ބޭނުންވާ ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ މިނިވަންވުމެއް ނޫން ކަމަށެވެ.
މި ސަރުކާރަށް ހަތަރު އަހަރުވެގެން ދާއިރު ވެސް ވައުދުވި ގޮތަށް ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަދެއްކުން ރަނގަޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީ އެކުލަވާލާފައިވާއިރު، އޭގެ ސަބަބުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެހެންވެ، މި ސަރުކާރު ވެސް ނޮވެމްބަރު 2018 ގައި ވެރިކަމަށް އައީ އެ ފޯމޭޝަން ބަދަލުކުރުމުގެ ވައުދާ އެކު އެވެ.
ޝަރުއީ ދާއިރާ މިހާރު ހިނގަނީ މިނިވަންކޮށް، ރައްޔިތުންގެ އިތުބާރު އެބަ ލިބޭ: ރައީސް https://t.co/fpiiQ5JaP5
— Mihaaru (@Mihaarunews) February 9, 2023
ނަމަވެސް، މި ވެރިކަމުގެ ފުރަތަަމަ ހަތަރު އަހަރުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެޓާނީ ޖެނެރަލް ވަނީ އެ ކޮމިޝަން އިސްލާހުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އެ އިސްލާހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެ އެވެ.
ނުވަ މެމްބަރުން ތިއްބަވާ ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ؛
- އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް
- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއް
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަ ނައިބު
- ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް - ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއް
- ދަށު ކޯޓުތަކުގެ ފަނޑިޔާރެއް
- ހައި ކޯޓު ފަނޑިޔާރެއް
- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
ޖޭއެސްސީގެ ފޯމޭޝަން އިސްލާހުކުރުމަށް ޝަރުއީ ދާއިރާ އަދި އާއްމުންގެ ހިޔާލު ހޯދަން ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ގިނަ މީހުން ހުށަހެޅީ ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އަލުން އެކުލަވާލާށެވެ.
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ޖޭއެސްސީ އަށް އުއްމުކުލްސޫމް އައްޔަންކުރައްވައިފި
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!
ނަޒީރާއި މާޖިދުގެ މަގާމު ގެއްލިއްޖެ
ޖޭއެސްސީގެ މެމްބަރަކަށް ހިސާން އައްޔަން ކުރައްވައިފި
ޖޭއެސްސީގެ މެމްބަރަކަށް ނަޝީދު އައްޔަން ކުރައްވައިފި
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި
ފަނޑިޔާރުން ވެސް ޖަވާބުދާރީ ކުރުވަން ޖެހޭ: ރައީސް
ޝަރުއީ ދާއިރާ އިތުބާރުކުރާ ތަނަކަށް ހަދާނަން: މަސްތޫރު