Roadha Mihaaru
ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފް އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

05 ފެބުރުއަރީ 2023

ދުބާއީ (ފެބްރުއަރީ 5) - ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް މިއަދު އަވަހާރަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދުބާއީ (ފެބްރުއަރީ 5) - ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 79 އަހަރުގައި މުޝައްރަފް އަވަހާރަވީ، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އެމެރިކަން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުޝައްރަފްގެ އާއިލާއާ ހަވާލާދީ ޕާކިސްތާންގެ ނޫސްތަކުން ބުނީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މުޝައްރަފަށް ފަރުވާ ދޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

މުޝައްރަފްގެ ވެރިކަން 2008 ވަނަ އަހަރު ނިމި އޭނާއާ ދެކޮޅަށް މައްސަލަތައް ބަލަން ފެށުމާ އެކު އޭނާ ދިރިއުޅުއްވަމުން ގެންދެވީ ގައުމުން ބޭރުގަ އެވެ.

ޕާކިސްތާން ސިފައިންގެ ކުރީގެ ވެރިޔާ މުޝައްރަފް އަސްކަރީ ބާރު ބޭނުންކޮށްގެން ރައީސްކަމަށް ވަޑައިގަތީ 2001 ގަ އެވެ. އޭރު ޕާކިސްތާނުގައި އޮތް ނަވާޒު ޝަރީފުގެ ވެރިކަން އަސްކަރިއްޔާ ބޭނުންކޮށްގެން ފުރޮޅާލި ނަމަވެސް އެއީ ބަޣާވާތެއްކަމަށް ހުޅަނގުގެ ބާރުތަކުން ބަލައެއް ނުގަނެ އެވެ.

އެމެރިކާއިން 2001 ގައި އަފްޣާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި މުޝައްރަފް ވަނީ އެމެރިކާގެ އަސްކަރީ ކޯލިޝަންގައި ޕާކިސްތާން ބައިވެރިކޮށްފަ އެވެ. އޭނާ ވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާންގެ ރައީސްކަން ކުރައްވައިފަ އެވެ.