Roadha Mihaaru
ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލަނީ

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާތީ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

01 ފެބުރުއަރީ 2023

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހޭތީ ހަނިމާދު އާއި ޓްރިވެންޑްރަމްއާ ދެމެދު ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހޭތީ ހަނިމާދު އާއި ޓްރިވެންޑްރަމްއާ ދެމެދު ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަންނަ މަހު އެކަކުން ފެށިގެން، ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން ހެނދުނު 8 އާ ދެމެދު އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ.

"މީގެ ސަބަބުން ހަނިމާދު އަދި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެހެންވެ، އަންނަ މަހު އެކެއްގެ ފަހުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ މީހުން މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން ދަތުރުގެ ކަންކަން ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު 18 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އެ މަޝްރޫއު ހަވާލުކުރީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށް އަދި ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި އެ މަޝްރޫއު ނިމުމާއެކު، އޭ 320 އާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓުގައި ޖެއްސޭނެ އެވެ.

އެ މަޝްރޫއު ހިންގަނީ އިންޑިއާއިން ދިން ލޯނު އެހީގެ ދަށުންނެވެ.