Roadha Mihaaru
24 ގަޑިއިރު ކަރަންޓް ދެވެނީ ސަބްސިޑީ ދޭތީ: ޝަރީފު

24 ގަޑިއިރު ކަރަންޓް ދެވެނީ ސަރުކާރުން ސަބްސިޑީ ދޭތީ: ޝަރީފު

21 ޑިސެމްބަރ 2022

ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ދެވެނީ ސަރުކާރުގެ ހެޔޮފުޅު ކަމުން ކަމަށާއި އޭގެ ސަބަބަކީ ސަރުކާރުގެ ސަބްސިޑީ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ދެވެނީ ސަރުކާރުގެ ހެޔޮފުޅު ކަމުން ކަމަށާއި އޭގެ ސަބަބަކީ ސަރުކާރުގެ ސަބްސިޑީ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ރޭ ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތާއި ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގައި އަތްނުފޯރާ ފަށަށް ތެލުގެ އަގު ގޮސްފައިވާ އިރު ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުމެއް ނެތި ދެވުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދެވެނީ ސަރުކާރުން ސަބްސިޑީ ދޭތީ ކަމަށާއި ފްލެޓް ރޭޓެއްގައި ސަރުކާރުން ތެޔޮ ފޯރުކޮށްދެމުން އަންނާތީ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކަރަންޓުގެ ހިދުމަތުގެ އިތުރުން ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށަށް އިޖްތިމާއީ ގިނަ ކަންތައްތަކެއް ވެސް ކޮށްދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނީ ގްރީން ހަކަތަ އުފައްދައިގެން ކަމަށެވެ. އަދި ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމަށްޓަކައި ކުނިން ކަރަންޓް އުފެއްދުމުގެ ޕްރޮގްރާމު ތިލަފުށީގައި ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ އެކީގައި މިހާރު ވާހަކަދައްކަމުން ދަނީ ކުނިން ކަރަންޓް އުފައްދައިގެން 10 މެގަވޮޓް ކަރަންޓް އުފެއްދުމަށް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ގްރިޑަށް 10 މެގަވޮޓްގެ ފެހި ހަކަތަ އިތުރުވުން،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ފެހި ހަކަތަ އިތުރު ކުރުމަށް ސްޓެލްކޯއިން މަސައްކަތްތައް ފަށައިފައިވާ އިރު ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ މާލޭގެ އުތުރުން އޮންނަ ހަތަރު ރަށާއި އެ ރަށްތަކާއި ގުޅިފައިވާ ރިސޯޓުތަކަށް ބޭނުންވާ ވަރަށް 2024 ގެ ނިޔަލަށް ފެހި ހަކަތަ ނުވަތަ ފެހި އުފެއްދުމުގެ ގާބިލުކަން އިތުރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މާލެ ކައިރި ފަޅެއްގައި އަވިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.