Roadha Mihaaru
ހުޅުމާލޭގައި ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް!

ހުޅުމާލޭގެ ޓްރެފިކަށް ބޮޑު ބަދަލެއް؛ ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް!

28 ނޮވެމްބަރ 2022

ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، ބޮޑެތި މަގުތަކުގައި ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް ކުރަހަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، ބޮޑެތި މަގުތަކުގައި ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް ކުރަހަން ފަށައިފި އެވެ.

އެެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް އެ ތަނަށް ޒިޔާރާތްކުރާ މީހުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ފަދަ އިންތިޒާމުތައް ހަމަޖައްސަން 2015 ގައި ހަދާފައިވާ މާސްޓަޕްލޭނުގެ ދަށުން ކަމަށެވެ.

ހުޅުމާލޭގެ ނިރޮޅުމަގާއި އެހެން ބައެއް މަގުތަކުގައި ލޭން ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލޭގެ މައި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުރެ އެވެ. އެހެންވެ، އެ މަގުތަކުގައި ފަސް ލޭނެއް ހަދަން ނިންމާފައިވެ އެވެ. އެއީ؛

• ބަސް ދުއްވަން ހާއްސަ ލޭނެއް.

• ބައިސިކަލް ދުއްވަން ހާއްސަ ލޭނެއް.

• ސައިކަލާއި ކާރާއި ހަތަރު ފުރޮޅުލީ އެހެން އުޅަނދުތަކަށް ހާއްސަ ތިން ލޭނެއް.

"މިއީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެކެވެ،" ބަޔާނުގައި ބުންޏެވެ.

މަގުތަކަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލޭގެ ނިރޮޅުމަގުގާއި ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި މިހާރު ވަނީ ލޭންތައް ކުރަހައިފަ އެވެ.

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ ބަދަލާ އެކު، ހުޅުމާލޭގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބައިސިކަލަށް ހާއްސަ ލޭން

އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލެގައި ބައިސިކަލް ލޭނެއް ކަނޑައެޅުމުގެ އެންމެ ބޮޑު މަގުސަދަކީ، އެއީ ވަރަށް ސްޕީޑު ދަށްކޮށް ދުއްވާ އުޅަނދަކަށް ވުމާ އެކު، ބާރު ސްޕީޑުގައި ދުއްވާ އެހެން އުޅަނދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ބައިސިކަލް ލޭން ކުރަހަމުން އަންނަނީ ނޫކުލައިންނެވެ.

މި ބަދަލުތަކާ އެކު، މަގުގައި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރާހަނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.