Roadha Mihaaru
ކުޑަކުއްޖަކު ރޭޕް ކުރި ޅިޔަނު 18 އަހަރަށް ޖަލަށް

އޮޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި ޅިޔަނު 18 އަހަރަށް ޖަލަށް

20 އޮކްޓޯބަރ 2022

މީގެ ދެ އަހަރު ކުރިން އުމުރުން 15 އަހަރުގެ އޯޓިސްޓިކް އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ސާބިތުވެ، ދައުވާ ލިބުނު މީހާ 18 އަހަރަށް ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މީގެ ދެ އަހަރު ކުރިން އުމުރުން 15 އަހަރުގެ އޯޓިސްޓިކް އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ސާބިތުވެ، ދައުވާ ލިބުނު މީހާ 18 އަހަރަށް ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރާއްޖޭގެ މެދުތެރޭގެ އަތޮޅަކަށް ނިސްބަތްވާ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓް ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަހެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ، އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އެއީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާ އެވެ.

ފުލުހުން މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހެޅުމުން އޭނާގެ މައްޗަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއިން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ކުރީކޮޅު ތިން ދުވަހެއްގެ މަތިން އެ މީހާ އެ ކުއްޖާ ރޭޕް ކުރީ، އޭނާގެ ގޯއްޗެއްގައި ހަދާފައި ހުރި ކޮޓަރިއަކަށް އެ ކުއްޖާ ގެންގޮސްގެންނެވެ. އޭގެ އިތުރުން، އޭނާ ދިރިއުޅެމުން ދިޔަ އެ ކުއްޖާގެ އާއިލީ ގޭގެ ކޮޓަރިއެއް ތެރޭގައި ވެސް ޖިންސީ ގޯނާކުރި ކަމަށް ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެ ހުކުމްކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންވެ، ދައުލަތުން ކޯޓުގައި އެދުނީ ދައުވާ ލިބުނު މީހާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ 18 އަހަރަށް ޖަލަށްލުމެވެ.

އެގޮތަށް އެދި ދައުލަތުން ފާހަގަކުރީ، އަނިޔާ ލިބުނު ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމާއި އޭނާގެ އިޖުތިމާއީ ހެދިބޮޑުވުން ހުންނަނީ ތިން އަހަރާއި ހަ މަހުގެ ކުއްޖަކާ އެއް ފެންވަރަކަށްކަން ސައިކޮލޮޖިކަލް އެސެސްމެންޓުން އެނގޭ ކަމެވެ. އަދި ދައުވާ ލިބުނު މީހާ އެ އަމަލު ހިންގީ އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގިހުރެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، އެ ކުއްޖާ އަކީ ބަލިވި އިނދެ ކުއްޖަކު ވިހެއުމުގެ ގާބިލުކަން ނެތް އިރު އެ މީހާގެ ސަބަބުން އެ ކުއްޖާ ބަނޑުބޮޑުވެ އެތަކެއް މެޑިކަލް ޕްރޮސީޖާތަކެއް ހަދަން ޖެހުނުކަން ދައުލަތުން ފާހަގަކުރި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ދައުލަތުން އެދުނު ގޮތަށް އޭނާ 18 އަހަރަށް ޖަލަށްލުމަަށެވެ. އެކަމަކު، އޭނާ އެ މައްްސަލައާ ގުޅިގެން ބަންދުގައި ދެ އަހަރާއި ތިން މަހާއި 19 ދުވަސް ހޭދަކޮށްފައިވުމުން ތަންފީޒުކުރަން ޖެހޭނީ އެ މުއްދަތު އުނިކުރުމުން ބާކީވާ 15 އަހަރާއި އަށް މަހާއި 11 ދުވަހެވެ.

އަނިޔާ ލިބުނު ކުޑަކުއްޖާ ބަލިވެ އިނުމުން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަނޑުގައި އޮތް ދަރިފުޅު ވަނީ އެބޯޓުކޮށްފަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު، ކޯޓުގައި އޮތް މައްސަލަ ނިމެން ކައިރިވެފައި ވަނިކޮށް، ޖެންޑާ މިނިސްޓްރީއިން ވަނީ އާއިލާގެ އެދުމުގެ މަތިން އެ ކުއްޖާގެ ދައްތައެއްގެ ގާތަށް ފޮނުވައިފަ އެވެ.

އެ ކުއްޖާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހަޅައި އޭނާއަށް އިންސާފު ހޯދަން މަސައްކަތް ކުރި އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ މިއަދު "މިހާރު" އަށް ބުނީ، އެ މައްސަލައިގައި ޖަލަށްލި މީހާ ސަލާމަތްކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ. މައްސަލަ އަނބުރާ ގެންދަން ފައިސާ ހުށަހެޅުމުގެ އިތުރުން ކުއްޖާގެ ބަޔާން ބަދަލުކުރަން އުޅުން ފަދަ ކަންތައްތައް ވެސް އެކި ދިމަދިމާލުން ނުފޫޒު ފޯރުވައިގެން ކުރި ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކޮއްކޮއަށް އިންސާފު ލިބޭނެ ކަމަށް ކުރިން ގަބޫލެއް ވެސް ނުކުރެ އެވެ. ނަމަވެސް، ޕީޖީގެ ވަކީލުންގެ މަސައްކަތުން ދައުވާ ސާބިތުވެފައިވާތީ އާއި ޖެންޑާ މިނިސްޓްރީިން ދިން އެހީތެރިކަމަށް ވެސް ޝުކުރުއަދާ ކުރި އެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި، މައްސަލަ ފެންމަތިވި ދުވަހުން ފެށިގެން ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނީ މަލާމާތާއި ހަޖޫޖެހުމެވެ. އޭނާ ބުނި ގޮތުގައި، ކުއްޖާއަށް އިންސާފު ހޯދައިދިނުމުގައި ރަށުގެ އާންމުންގެ އެއްބާރުލުމެއް ނުލިބެ އެވެ. އަދި ކުރިމަތިވި ފުރައްސާރައިގެ ސަބަބުން އޭނާގެ މަންމަގެ ނަފްސާނީ ސިއްހަތަށް ވެސް އަސަރުކޮށްފައިވާ ކަމަށާއި އެކަމަށް ފަރުވާ ހޯދާ ކަމަށް ވެސް ބުންޏެވެ.