Roadha Mihaaru
ގާސިމް ހުށަހެޅުއްވި އިސްލާހަށް ނަޝީދުގެ ތާއީދު!

މެމްބަރުންގެ އަދަދު ހިފަހައްޓަން ގާސިމް ހުށަހެޅުއްވި އިސްލާހަށް ނަޝީދުގެ ތާއީދު

23 އޯގަސްޓް 2022

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ނަމަވެސް، ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތާއީދު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ނަމަވެސް، ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތާއީދު ކުރައްވައިފި އެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެއް މެމްބަރެކެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމް ހުށަހެޅުއްވީ މުހިންމު އިސްލާހެއް ކަމަށެވެ. މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލީހުގެ ދައުރާ ބެހޭ ގޮތުން ވެސް ވިސްނުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މެމްބަރުންގެ އަދަދު ހިފެހެއްޓުމަކީ ނަޝީދު ވެސް ގާނޫނުއަސާސީ އަށް ގެންނަވަން ބޭނުންފުޅުވާ އިސްލާހުތަކުގެ ތެރެއިން އިސްލާހެކެވެ.

އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމުގައި ގާސިމް ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު އިތުރުވާ ކަމަށެވެ. އޭގެ ފަހުން ބޭއްވި 17 ވަނަ މަޖިލިހަށް 77 މެމްބަރުން އައްޔަން ކުރި ކަމަށާއި 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަމަކު ކުރިމަގަށް ބަލާއިރު، މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މެމްބަރުން މާ ގިނަ ވާނެ ކަމަށާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.