Roadha Mihaaru
ވަގަށް ކުރުނބާ އެޅުމުން 300 ގަޑިއިރުގެ މަސައްކަތް

ވަގަށް ކުރުނބާ އެޅުމުން 300 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތް ކުރަން ޖެހިއްޖެ

17 މާޗް 2022

ގެއެއްގެ ރުކަކުން ވަގަށް 12 ކުރުނބާ އެޅި މީހަކު 331 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން އަންގައި، އަދި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގެއެއްގެ ރުކަކުން ވަގަށް 12 ކުރުނބާ އެޅި މީހަކު 331 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން އަންގައި، އަދި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޏ. ފުވައްމުލަކު ދިގުވާޑު އަވަށުގެ ގެއެއްގެ ގޯއްޗަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ހުރި ރުކަކުން 12 ކުރުނބާ އެޅި މައްސަލާގައި އެރަށު މީހަކަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވެ، ލުއި އަދަބެއް ދޭން އެދުނެވެ. އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބަންދު މުއްދަތު މަޖިލީހާއި އިބްތިދާއީ މަރުހަލާގައި އޭނާ އެކަމަށް އެއްބަސްވުމުން ކޯޓުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިފައިވާތީ އެ ކުށަށް އޮންނަ ދެ މަހުގެ ޖަލު އަދަބު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ. އެހެންވެ، ވައްކަމުގެ އަދަބެއްގެ ގޮތުން 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރަން އެ ހުކުމުގައި އަންގާފައިވެ އެވެ.

އެކަމަކު ހުއްދަ ނެތި ގޯއްޗަށް ވަދެފައިވާ މައްސަލާގައި އޭނާގެ އަދަބު ބަދަލުކޮށެއް ނުދިނެވެ. އެ ކުށަށް ގާނޫނުލް އުގޫބާތުގެ ދަށުން ދެވެން އޮންނަ 18 ދުވަހުގެ ޖަލު ހުކުމް އޭނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.

ދާދިފަހުން ވަނީ ޖުވެނައިލް ކޯޓުގެ އަނބު ގަހުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.