Roadha Mihaaru
ފީ ދައްކައިގެން ޕާކުކުރާނެ ސަރަހައްދުތަކެއް ހަދަނީ

ޕާކިން ބިލްޑިންގްތައް ހެދެންދެން ފީ ދައްކައިގެން ޕާކުކުރާނެ ސަރަހައްދުތަކެއް ހަދަނީ

21 ޑިސެމްބަރ 2016

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިންގްތައް ހެދެންދެން ވެސް ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި، ފީ ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިންގްތައް ހެދެންދެން ވެސް ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި، ފީ ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޕާކިން ބިލްޑިންތަކުގެ ކުރިން ވެސް މާލޭގެ ތޮއްޖެހުމަށް ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި، ފީ ދައްކައިގެން ޕާކުކުރެވޭނެ ހާއްސަ ޒޯންތަކެއް ހެދުން ހިމެނޭ ކަމަށާއި ލަސްތަކެއް ނުވެ އެކަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މަގުމަތީގައި ކަނޑައެޅޭ ހާއްސަ ޒޯންތަކެއް ހަދައި ފީއެއް ނަގާނެ. އަޅުގަނޑުމެން އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް މި ކުރަނީ މާލޭގައި، ފީ ދައްކައިގެން ޕާކުކުރާނެ ޖާގަތަކެއް ކަނޑައަޅަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސަރަހައްދުތަކުގައި ޕާކުކުރާ ވެހިކަލްތަކުން ނަގާނީ ކިހާ ވަރެއްގެ ފީއެއް ކަމެއް އަދި ނުނިންމަ އެވެ. އެކަން ކުރި އަށް ގެންދާނީ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕެއިޑް ޕާކިން އަކީ ޕާކިން ބިލްޑިންތައް ހެދެންދެން ކުރިއަށް ގެންދާ ކަމެއް. އިމާރާތްތައް އެޅުނީމަ ޕާކުކުރުން ބަދަލުވާނީ އެ އިމާރާތްތަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ: މެކޭނިކަލް ޕާކިން ސިސްޓަމްތަކާއި ޕާކިން ބިލްޑިންތައް އެޅުމުން ވެހިކަލްތަކުގެ ތޮއްޖެހުމަށް ހައްލުތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ: ހުސެއިން ޝަޔާހް/ މިހާރު

މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ: މެކޭނިކަލް ޕާކިން ސިސްޓަމްތަކާއި ޕާކިން ބިލްޑިންތައް އެޅުމުން ވެހިކަލްތަކުގެ ތޮއްޖެހުމަށް ހައްލުތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ: ހުސެއިން ޝަޔާހް/ މިހާރު

ޓްރާންސްޕޯޓް އޮތޯރިޓީން ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލޭގައި 55،000 އަށް ވުރެ ގިނަ ސައިކަލް ބޭނުންކުރެ އެވެ. އަދި 6،800 އަށް ވުރެ ގިނަ ކާރާއި 2،000 އަށް ވުރެ ގިނަ ޕިކަޕާއި ލޮރީ ވެސް މާލޭގައި ދުއްވަ އެވެ.

މިއީ، މާލެ ފަދަ ތަނަކަށް ވަރަށް ގިނަ އަދަދެއްގެ އުޅަނދު ކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މާލޭން ބިން ލިބެން ހުރި ވަރަކަށް ޕާކިން ބިލްޑިން އިތުރުކުރަން ކަމަށެވެ. މިހާރު ނިންމާފައި ވަނީ 6-10 ޕާކިން ބިލްޑިން އެޅުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ވެލާނާގޭ ކައިރީގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ހަރުކުރަނީ. އަންނަ ހަފުތާގައި ޓެސްޓް ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލާނާގޭ ކައިރީގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ހަރުކުރަނީ. އަންނަ ހަފުތާގައި ޓެސްޓް ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕާކިން ބިލްޑިންތައް އެޅުމަށް މިހާރު ކުރިއަށް ދަނީ ބިންތައް ކަނޑައަޅައި އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތްތަކެވެ. އެ މަސައްކަތް ނިމުމުން، ޕާކިން ބިލްޑިންތައް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕާކިން ބިންޑިންތައް އަޅަން އަޅުގަނޑުމެން މި ވިސްނަނީ ހަމައެކަނި ޕާކުކުރެވޭ ގޮތުގެ ބަދަލުގައި، އެ އިމާރާތުގެ ސަބަބުން މުޅި ސަރަހައްދަށް ވެސް ދިރުން ލިބޭނެ ގޮތަށް. އެއީ، ބިލްޑިންގައި ރައްޔިތުން ބޭނުންވާ އިތުރު އެހެން ކަންތައްތަކެއް ވެސް ކުރެވޭނެ ގޮތަށް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޕާކިން މައްސަލަ އަށް ހައްލު ހޯދަން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ވެސް އަންނަނީ ގާއިމް ކުރަމުންނެވެ. ފުރަތަމަ ސިސްޓަމް ވެލާނާގޭ ސަރަހައްދުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އޮޓަމެޓިކް މި ސިސްޓަމްތައް ގާއިމްކުރަނީ ބޭންކުތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އާއްމުކޮށް ތޮއްޖެހުން ބޮޑު ސަރަހައްދުތަކުގައި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ސިސްޓަމްގެ ބޭނުން ހިފީމަ މަގު މައްޗަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެވޭނެ. އެންމެ ތޮއްޖެހޭ ސަރަހައްދުތަކުގައި ސައިކަލް އަދި ކާރު ޕާކިން ސިސްޓަމް ގާއިމްކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.

އމާރާތްތައް ހަދާއިރު ޕާކުކުރާނެ ޖާގަ ހުންނަން ޖެހޭ ގޮތަށް ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ، މިހާރަށް ވުރެ ބޮޑަށް އެކަން ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިމާރާތް އަޅަން ކުރަހާ އިރު ޕާކިން އަށް ހާއްސަކޮށްފައިވާ ސަރަހައްދު، މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިހާރައަކަށް ބަދަލުކޮށްލާ މަންޒަރު ވެސް ފެނެ އެވެ. އެފަދަ ކަންކަން ހަރުދަނާ ނިޒާމްގެ ތެރެއިން ބަލަހައްޓަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.