Roadha Mihaaru
ރަވީ އާއި ސީޒަން މި ފަހަރު ހުސް އަތާ!

ސާކް ފިލްމް ފެސްޓިވަލް 2016: ރަވީ އާއި ސީޒަން ހުސް އަތާ

07 ޖޫން 2016

ފާއިތުވި ދެ އަހަރަކީ ސާކް ފިލްމް ފެސްޓިވަލުގައި ރާއްޖެ އަށް ކާމިޔާބު ދެ އަހަރެވެ. މިދިޔަ އަހަރު، އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި ފިލްމް "އިންސާނާ" ވަނީ ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި ދެ އަހަރަކީ ސާކް ފިލްމް ފެސްޓިވަލުގައި ރާއްޖެ އަށް ކާމިޔާބު ދެ އަހަރެވެ. މިދިޔަ އަހަރު، އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި ފިލްމް "އިންސާނާ" ވަނީ ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދައިފަ އެވެ.

އޭގެ ކުރީ އަހަރަށް ބަލާ ނަމަ ރަވީ ފާރޫގް ޑައިރެކްޓް ކުރި "އިނގިލި" ވަނީ އެ އަހަރު ރާއްޖެ އަށް ވަރަށް ބޮޑު ޝަރަފެއް ހޯދައި ދީފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ފެސްޓިވަލްގައި "އިނގިލި" ބްރޯންޒް މެޑެލް ހޯދި އިރު، އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އުފުލާލައި، ދިވެހިން ފަހުރުވެރިކޮށް ދިނެވެ. އެހެންވެ ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް އެއީ ވަރަށް ބޮޑު ކާމުޔީބީއެކެވެ.

މި ފަހަރުގެ ފެސްޓިވަލުން ވެސް ރާއްޖެ އަށް މެޑެލްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވުނެވެ.

މި މަހުގެ 1-6 އަށް ލަންކާގައި ބޭއްވި މި އަހަރުގެ ފެސްޓިވަލްގައި ރާއްޖޭގެ ތިން އުފެއްދުމެއް ވާދަ ކުރި އެވެ. އެއީ ފީޗާ ފިލްމް ކެޓަގަރީން ރަވީ ޑައިރެކްޓްކޮށްފައިވާ "މިކޮއެ ބައްޕަ ބައޭބައޭ" އާއި ޝޯޓް ފިލްމް ކެޓަގަރީގައި ވާދަކުރި ރަވީގެ ޑައިރެކްޝަން "އެއްފަސް" އެވެ.

ދެން ވާދަކުރީ ސީޒަންގެ ފީޗާ ފިލްމް "އަހްޝަމް" އެވެ.

ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ރަވީ މި ފަހަރު ވެސް މެޑެއްޔެއް ރާއްޖެ ގެންނާނެ ކަމަށެވެ. އޭނާގެ ދެ އުފެއްދުމަށް ބަލާ އިރު "މިކޮއެ ބައްޕަ ބައޭބައޭ" އަކީ މޮޅު ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާ ފިލްމެކެވެ.

ސާކް ފިލްމް ފެސްޓިވަލް 2016 ފެށުމުގެ ރަސްމިއްޔާތުގައި ރިޝްމީ.

ސާކް ފިލްމް ފެސްޓިވަލް 2016 ފެށުމުގެ ރަސްމިއްޔާތުގައި ރިޝްމީ.

ރަވީ ވެސް ފެސްޓިވަލަށް ފުރައިގެން ދިޔައީ އެ ފިލްމުން މެޑެއްޔެއްގެ އިތުރުން ރިޝްމީ ރަމީޒް ފިލްމުގައި ދައްކުވައި ދިން މޮޅު އެކްޓިން އިން އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވެސް އުންމީދުކޮށްގެންނެވެ.

އަނެއްކޮޅުން ރަވީ މިދިޔަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތަށް ހައުސިން މިނިސްޓްރީ އަށް ޑައިރެކްޓްކޮށް ދިން "އެއްފަސް" އަކީ އެ އަހަރުގެ އެންމެ މޮޅު ޑްރާމާ އެވެ.

އެކަމަކު ފެސްޓިވަލް ރަވީ ނިންމާލަން ޖެހުނީ ހުސްއަތާ އެވެ. މި ފަހަރު ރާއްޖެ ގެންނާކަށް އޭނާ އަށް އެންމެ މެޑެއްޔެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

ސީޒަން ވެސް "އަހްޝަމް" ގޮވައިގެން ފެސްޓިވަލަށް ދިޔައީ މި އަހަރު ވެސް ރާއްޖެ އަށް މެޑެއްޔަކާ އެކު އާދެވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ. އެކަމަކު މި އަހަރުގެ ފެސްޓިވަލަކީ ސީޒަނަށް ވެސް ކާމިޔާބު ތަކުރާރުކޮށްލަން ލިބުނު ފުރުސަތަކަށް ނުވި އެވެ.

ސާކް ފިލްމް ފެސްޓިވަލް 2016 ފެށުމުގެ ރަސްމިއްޔާތުގައި ސީޒަން.

ސާކް ފިލްމް ފެސްޓިވަލް 2016 ފެށުމުގެ ރަސްމިއްޔާތުގައި ސީޒަން.

މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލަށް ބަލާ އިރު، ސާކްގެ ގައުމުތަކުން ޖުމްލަ 19 ފިލްމެއް ވާދަ ކުރި އެވެ. އޭގެ ތެރޭގައި ފީޗާ ފިލްމާއި ކުރު ފިލްމް ވެސް ހިމެނެ އެވެ.

އަދި މި އަހަރަކީ މޮޅެތި ފިލްމުތަކެއް ފެސްޓިވަލްގައި ވާދަ ކުރި އަހަރެކެވެ. އެގޮތުން ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "މަސާން" ފެސްޓިވަލްގައި ވާދަ ކުރުމަކީ ވެސް ފީޗާ ފިލްމް ކެޓަގަރީގައި ވާދަ ކުރި ފިލްމުތަކަށް އޮތް ބިރަކަށްވި އެވެ. އެކަން ފެސްޓިވަލް ނިމިގެން ދިޔަ އިރު ސާބިތު ވެސް ވެއްޖެ އެވެ.

މިދިޔަ އަހަރު ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ތައުރީފު އޮހުނު "މަސާން" ސާކް ފިލްމް ފެސްޓިވަލް ނިންމާލީ ރަން މެޑެއްޔާ އެކުގަ އެވެ.

މި އަހަރު ސިލްވަ މެޑެލް ގެންދިޔައީ ބޫޓާންގެ "ދަ ކަޕް" އެވެ. ބްރޯންޒް މެޑެލް ހޯދީ އިންޑިއާގެ "ގޫންގާ ޕެހެލްވާން" އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލާލީ ލަންކާގެ ބަތަލާ ކޯޝަލިއާ ފެނާންޑޯ އެވެ. އޭނާ އެވޯޑް އުފުލާލީ "ބޯރާ ދިޔާ ޕޮކޫނާ" އިންނެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑް މި ފަހަރު ލިބުނީ އަފްގާނިސްތާންގެ ފިލްމް "އޭން އެޕަލް ފްރޮމް ޕެރަޑައިސް" އިން ރަޖަބް ގްސައިނޯވް އެވެ.

އެންމެ މޮޅު އެޑިޓަރުގެ އެވޯޑް މި ފަހަރުގެ ފެސްޓިވަލުން ހޯދީ ލަންކާގެ "ހޯ ގާނަ ޕޮކުނާ" އިން ޓިއްސާ ސްރެންދްރާ އެވެ.

މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާ ކޯޝަލިއާ.

މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާ ކޯޝަލިއާ.

ރާއްޖެ އަށް މި ފަހަރުގެ ފެސްޓިވަލުން ކާމިޔާބީއެއް ނުލިބުނަސް އަންނަ އަހަރަށް މަޑު ކުރަމާ ހިނގާށެވެ. އަންނަ އަހަރަކީ އަނެއްކާ ވެސް ރަވީ އާއި ސީޒަން ފިލްމްތައް ހިފައިގެން ދާނެ އަހަރެއްކަން ޔަގީނެވެ.

ސީޒަން މި އަހަރު ގެނެސް ދިން "ވަފާތެރި ކެހިވެރިޔާ" ފެސްޓިވަލަށް ގެންދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ.

ޔަގީންވާ ކަމަކީ އަންނަ އޮގަސްޓްގައި ރިލީޒް ކުރާ "ވިޝްކާ" ގޮވައިގެން ރަވީ އަންނަ އަހަރު ފެސްޓިވަލަށް ދާނެ ކަމެވެ.