Roadha Mihaaru
16 އަހަރު ކުރީގެ މަރު: ހައި ކޯޓުން ހުކުމާ ހަމައަށް

މާމެންދޫގެ 16 އަހަރު ކުރީގެ މަރު: ހައި ކޯޓުން ހުކުމާ ހަމައަށް

08 މާޗް 2022

މީގެ 16 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރައިލި މައްސަލައިގައި ދެވަނަ ފަހަރަށް ހައި ކޯޓުން ބަލާ މައްސަލަ ހުކުމާ ހަމައަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 16 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރައިލި މައްސަލައިގައި ދެވަނަ ފަހަރަށް ހައި ކޯޓުން ބަލާ މައްސަލަ ހުކުމާ ހަމައަށް ހިނގައްޖެ އެވެ.

ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބަށް 2006 ވަނަ އަހަރު މާމެންދޫގައި ބަޔަކު ލަކުޑިބުރިން ހަމަލާދީ މަރައިލި މައްސަލައިގައި ހަތަރު މީހަކު މެރުމަށް 2008 ވަނަ އަހަރު ޖިނާއީ ކޯޓުން ކުރި ހުކުމްތައް ހައި ކޯޓުން ފަހުން ބާތިލްކުރި އެވެ. އޭގެ ތެރެއިން މާމެންދޫ ޕިންކްލައިޓް މުހައްމަދު ޝިފްރާޒާއި އެ ރަށު މާސް އަލީ މަސްއޫދުގެ ބައި އަލުން ބަލަން ހައި ކޯޓުން އަމުރުކުރި އެވެ.

ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށް ފަހު 2019 ވަނަ އަހަރުގެ ފަހުކޮޅު ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ދެވަނަ ފަހަރަށް ހައި ކޯޓަށް ދިޔައީ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން މިއަދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި ޝިހާބަށް، މަސްއޫދާއި ޝިފްރާޒް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ދެ ހެކިން ބުނާތީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި އެބަހުއްޓެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން ޝިހާބަށް ހަމަލާދިން އިރު، އޭނާ މަރުވީ އޭގެ ތެރެއިން ކާކު ދިން ހަމަލާއެއްގެ ސަބަބުންތޯ އިތުރަށް ބަލަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެއީ އިސްލާމީ ޝަރީއަތުގައި އެކަން އޮންނަ ގޮތްކަން ސާބިތުކޮށް ދިނުމަށް ޑރ. ވަހުބަތުއްޒުހައިލީގެ ފޮތެއްގައި އޭނާ ނެރުއްވި ރައުޔެއް ދައުލަތުން ފާހަގަކުރި އެވެ.

ވަހުބަތުއްޒުހައިލީގެ ރައުޔަށް ފަނޑިިޔާރުން ބުރަވާން ޖެހޭނީ ކޮން ގޮތަކުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެ ފޮތް ފާހަގަކުރީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިން އެގޮތަށް ރައުޔު ނެރުއްވާފައި އޮތްކަން ބުނެދިނުމަށް ކަމަށެވެ.

އެ ފޮތުގައި އޮންނަ ގޮތުން ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރައިލާ ހާލަތުގައި އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވާ އެންމެން އެއް މިންވަރަށް ތަމާލުއުގެ އުސޫލުގެ ދަށުން ކުށްވެރިވާނެ އެވެ. އެ މީހާ މަރުވީ އޭގެ ތެރެއިން ކާކު ދިން ހަމަލާއަކުންތޯ އެ ހާލަތުގައި ބަލާކަށް ނުޖެހެ އެވެ. އަދި މި ރާއްޖޭގައި މަރުގެ އެހެން މައްސަލަތަކުގައި ވެސް އެ އުސޫލު ކޯޓުތަކުން ދަމަހައްޓާފައިވާތީ އެކަން ދައުލަތުން ފާހަގަކުރި އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ، ދައުލަތުން ބުނީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ގާނޫނު އޮތްގޮތުން ބަލަން ޖެހޭނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަަމަށް ދައުލަތުން ބުންޏެވެ. އަދި އެ ދެ މީހުންގެ މައްޗަށް އެހެން ކުށެއް ސާބިތުވާ ވަރުގެ ހެކި ހުރި ކަމަށް ދަށު ކޯޓުގެ ނިންމުމުގައި ބުނެފައިވާއިރު، އެހެން ކުށެއްގެ އަދަބު ކަނޑަނޭޅުމަކީ ވެސް ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ޝިހާބަށް ފަރުވާ ދިނުމުގައި ލަސްވި ކަމަށް ދަށު ކޯޓުން ފާހަގަ ކޮށްފައިވެ އެވެ. ދައުލަތުން ބުނީ އެގޮތަށް ނިންމީ ކަމާބެހޭ ފަންނީ އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއް ނެތި ކޯޓުން އަމިއްލައަށް ކަމަށެވެ.

މަސްއޫދުގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ، އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށާއި އެހެންވުމުން މައުލޫއީ ގޮތުން މި މަރުހަލާގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.

ރައްދުގައި ދައުލަތުން ބުނީ އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ ނިންމުމުގައި ނެތް ކަމަށެވެ. އަދި އެ ނިންމުމުގެ އިބާރާތަށް ބަލާއިރު އެއީ ހެކި ވަޒަން ކުރުމަށް ފަހު މައުލޫއީ ގޮތުން ނިންމާފައިވާ ނިންމުމެއް ބެލެވޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ އިސްތިއުނާފްކުރީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ކަމަށް ވަކީލް ޝާފިއު ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިގޮތުގައި އެ މައްސަލަ ނިންމުމުގައި އެކަމަށް ރިއާޔަތް ކުރާނެ އެވެ.

ވަކީލުން ހަމަޖައްސަން ގިނަ ފުރުސަތުތަކެއް ދިނަސް، މިއަދުގެ އަޑުއެހުމުގައި ޝިފްރާޒްގެ ވަކީލެއް ނެތެވެ. އޭނާ ބުނީ، ވަކީލަކު އައްޔަންކޮށް، ފައިސާ ވެސް ދައްކާފައި ވަނިކޮށް މިއަދުގެ އަޑުއެހުން ފެށެން ގާތްވެފައި ވަނިކޮށް، ވަކީލު އެ މައްސަލަ ދޫކޮށްލީ ކަމަށެވެ. އެހެންވެ، އޭނާ އެދުނީ އިތުރު ފުރުސަތަކަށެވެ.

ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް ތިއްބެވި އެ މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ 2019 ވަނަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެން ގިނަ ފުރުސަތުތަކެއް ޝިފްރާޒަށް ދެވިއްޖެ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ވަކީލަކު ހަމަޖައްސަން ދެން އިތުރަށް ދެވޭނީ އެންމެ ފަހު ފުރުސަތު ކަން އަންގާފައިވާ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ވަކީލުން ހަމަޖައްސަން ގިނަ ފުރުސަތުތަކެއް ކޯޓުން ދިން ކަމަށް ޝިފްރާޒް ވެސް ގަބޫލުކުރި އެވެ. އެކަމަކު އޭނާ އެދުނީ ދައުލަތުގެ ޚަރަދުގައި ވަކީލު ހަމަޖައްސަން އިތުރު ފުރުސަތެއް ދިނުމަށެވެ.

ފަހު ފުރުސަތުގައި ވާހަކަ ދައްކަން ފުރުސަތު ދިނުމުން ވެސް އޭނާ އެދުނީ އޭނާގެ ބައި ވަކީލަކާ އެކު ކުރިއަށް ގެންދަން ފުރުސަތު ދިނުމަށެވެ. އެކަމަކު ބެންޗުން އެކަމާ މެދު އެއްޗެއް ވިދާޅުނުވެ، އަޑުއެހުންތައް ނިންމައިލި އެވެ.