Roadha Mihaaru
އަޑުބަރޭ ރާއްޖެ އައިސް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް

އަޑުބަރޭ ރާއްޖެ އައިސް އަމިއްލަ އަށް ކަރެކްޝަންސްގެ ބެލުމުގެ ދަަށަށް

19 ފެބުރުއަރީ 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން ޖަލު ހުކުމް އިއްވާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު އެނބުރި ރާއްޖެ އައިސް އަމިއްލަ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ހިނގައްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ ދެ ވަނަ ދުވަހެވެ. ޣައިރު ހާޒިރުގައި އަސްހަދަށް ހުކުމްކުރިއިރު އޭނާ ވަނީ އޭގެ ކުރިން ރާއްޖެ އިން ފުރައިފަ އެވެ. އޭރު އޭނާ ހުރީ އިނގިރޭސިވިލާތުގައި ކަމަށް ވެ އެވެ.

ކަރެކްޝަންސުން ބުނީ އަޑުބަރޭ އަމިއްލަ އަށް ހަވާލުވުމުން ހުކުމް ތަންފީޒުކުރަން އޭނާ މިހާރު ހުރީ އެތަނުގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އޭނާ ޖަލަށް ގެންދިޔައީ އެއާޕޯޓުންނެވެ.

ޕާސްޕޯޓް ދޫކޮށް، ބޭސްފަރުވާ އަށް އަލީ ވަހީދު "ފުރުވާލީ" ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިއިރު، ހުކުމް އިއްވުމުގެ މައްސަލަ ތާވަލު ކޮށްފައި ވަނިކޮށް، އޭގެ ކުރިން އަސްހަދު ރާއްޖެ އިން ފުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެފައި އޮއްވަ އެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެ އެވެ.

އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަސްހަދު ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ގެނެވޭނެ ގާނޫނީ މަގެއް އަދި ފުލުހުންނަކަށް ނުފެނެ އެވެ.

ރެޑް ނޯޓިސްއެއް ނުވަތަ ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އަލީ ވަހީދު ދިރިއުޅުއްވާ އިނގިރޭސި ވިލާތާއެކު އެފަދަ އެއްބަސްވުމެއް ނެތުމުން އޭނާ ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.