Roadha Mihaaru
ނޯޓިލަސްގެ މުވައްޒަފެއްގެ ސާވިސް ޗާޖު، 25،000ރ.

ނޯޓިލަސްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 25،000ރ.

02 ޑިސެމްބަރ 2021

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ނޯޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 1،668 ޑޮލަރު (25،720ރ.) ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ނޯޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 1،668 ޑޮލަރު (25،720ރ.) ދީފި އެވެ.

ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރާ "ރިސޯޓް ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މިއީ މިހާތަނަށް އެ ޕޭޖަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ. މި ޕޭޖަށް 36 ރިސޯޓަކުން ވަނީ މިހާތަނަށް މައުލޫމާތު ދީފަ އެވެ.

ސާވިސް ޗާޖުގެ ލިސްޓުން ދެވަނައިގައި އޮތީ މިދިޔަ އޮކްޓޯބަރު މަހު ލިސްޓުގެ އެއްވަނައިގައި އޮތް ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،589 ޑޮލަރު (24،502ރ.) ދީފަ އެވެ.

ލިސްޓުގެ ތިންވަނައިގައި އޮތް ރިޒް ކާލްޓަން އިން ކޮންމެ މުވައްޒަފަކަށް 1،486.41 ޑޮލަރު (22،920ރ.) ދީފައިވާއިރު ހަތަރުވަނަ އަށް ޖޯލި މޯލްޑިވްސް އިން 1،377.51 ޑޮލަރު (21،241ރ.) އަދި ފަސް ވަނައިގައި އޮތް ފޯ ސީޒަންސްގެ ރިސޯޓުތަކުން 1،204.26 ޑޮލަރު (18،569ރ.) ދިނެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކުރަނީ އެކި ރިސޯޓުތަކުގެ މުވައްޒަފުން ފޯރުކޮށްދޭ މައުލޫމާތެވެ.

މިދިޔަ މަހު ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވުމުންނެވެ. އާއްމުކޮށް އަހަރުގެ ފަހުކޮޅާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1.12 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ދުވާލަކު 3،435 ޓޫރިސްޓުންނެވެ.