Roadha Mihaaru
ލަންކާ ބަލިކޮށް ސީޝެލްސް މުބާާރާތް ކާމިޔާބުކޮށްފި

ޕެނަލްޓީގައި ލަންކާ ބަލިކޮށް ސީޝެލްސް މުބާާރާތް ކާމިޔާބުކޮށްފި

19 ނޮވެމްބަރ 2021

ފްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީގެ ނަމުގައި ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް، ސީޝެލްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު ކޮލަމްބޯއިން މުހައްމަދު ޒަޔާން ޒާހިރު

ފްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީގެ ނަމުގައި ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް، ސީޝެލްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ވެސް ބައިވެރިވި މުބާރާތުގެ ފައިނަލުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ސީޝެލްސް ކުރި ހޯދީ 3-1 އިންނެވެ. ލީގު ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ސީޝެލްސް ކާމިޔާބުކުރީ 1-0 އިންނެވެ.

ލަންކާއިން ފައިނަލަށް ނުކުތީ އަނިޔާގެ ސަބަބުން އެޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރާ ކަވިންދު އިޝާން އާއި ޑިލޯން ޑި ސިލްވާ ޓީމުގައި ނުހިމަނައެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ދެއްކި ރަތް ކާޑާއެކު އެޓީމުގެ ޑިފެންސުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑަކްސަން ޕުސްލަސް ހުރީ ސަސްޕެންޝަނުގަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ ހަތަރު ވަނަ މިނިޓުގައި ލަންކާއަށް ލީޑު ނަގައިދިނީ މާވިން ހެމިލްޓަން އެވެ. ސީޝެލްސް އަށް އެއްވަރު ކޮށްދިނީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިއުބާޓް ޖީން އެވެ.

ފަހު ހާފު ފެށިގެން 13 ވަނަ މިނިޓުގައި ލަންކާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އެޓީމުގެ މުހައްމަދު އާކިބެވެ. އަދި އޭގެ 16 މިނިޓު ފަހުން، މެޗުގެ 74 ވަނަ މިނިޓުގައި އަހުމަދު ވަސީމް ރަޒީކް ލަންކާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިނެވެ. މިއީ ވަސީމް ރަޒީކް މުބާރާތުގައި ޖެހި ހަތްވަނަ ލަނޑެވެ.

ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ލަންކާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ނަތީޖާގެ ފަރަގު ކުޑަވިއިރު، ސީޝެލްސް އިން އެއްވަރުކުރީ 90 ވަނަ މިނިޓުގަ އެވެ.

ޕެނަލްޓީގައި ސީޝެލްސް އިން ފުރަތަމަ ޖެހި ޕެނަލްޓީ ލަންކާގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު، ލަންކާ އިން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ވެސް ވީ ނާކާމިޔާބެވެ. ތިންވަނައަށް ޖެހި ޕެނަލްޓީ ކާމިޔާބުކުރީ ކީޕަރު ސުޖަން އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ހަތް ލަނޑު ޖެހި ލަންކާގެ ވަސީމް ރަޒީކެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަން ބޯޅަ ހޯދީ ލަންކާ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ އެވެ.